މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި، މޫސުމީ ފަންޑިން އިތުރުކުރުމާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުން އޮތް ބަދަހި އެއްބާރުލުން އަލުން އާކޮށްފިއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ސްޓްރެޓެޖިކް ޑައިލޮގް ބައްދަލުވުންތަކުގެ 3ވަނަ ބައްދަލުވުމާ ގުޅޭ ގޮތުން އިންވައިރަމެންޓް މިނިސްޓްރީން ބުނީ މޫސުމާއި، ހަކަތައާއި، ފެނާއި، ކުނި މެނޭޖުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ގުޅިފައިވާ ކަންކަމަށް ބޭނުންވަނީ ލާމެހިފައިވާ ހައްލުތަކަކާއި ވަރުގަދަ ބައިވެރިވުންތަކެއް ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ދެ ގައުމު އެކުގައި މަސައްކަތްކޮށް، ތިންވަނަ އެންޑީސީ ތަންފީޒުކުރުން ކުރިއަށް ގެންގޮސް، މޫސުމީ ފަންޑިން އަށް އޮތް ފުރުސަތުތައް ފުޅާކުރާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރަށް ކަނޑައަޅާފައިވާ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، މުޖުތަމައުތަކާއި ތިމާވެށީގެ ނިޒާމުތަކުގެ ރައްކާތެރިކަން ވަރުގަދަކުރާނެ ކަމަށެވެ.

އިތުރަށް އެ މިނިސްޓްރީން ބުނީ ކުދި ޖަޒީރާ ގައުމުތަކުގެ ސިޑްސް އަދި އޭއޯއެސްއައިއެސްގެ ވަރުގަދަ އަޑެއްގެ ގޮތުގައި، ދިވެހިރާއްޖެއިން ދެމިއޮންނާނީ ކުދި ޖަޒީރާ ގައުމުތަކުގެ ބަދަހިކަމާއި، ޔޫއެންއެފްސީސީސީ އަދި ޕެރިސް އެގްރީމަންޓުގެ ދަށުން ގަވާއިދުތަކަށް ބިނާވެފައިވާ ވަރުގަދަ މަލްޓިލޭޓަރަލް މޫސުމީ ނިޒާމަކަށް ކަމަށެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތުން ގުޅިގެން ބާއްވަމުން ސްޓްރެޓެޖިކް ޑައިލޮގް ބައްދަލުވުން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2023ވަނަ އަހަރު އެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 2025ވަނަ އަހަރު އެވެ. މިއަހަރު ބޭއްވި ބައްދަލުވުމުގައި ކުރީގެ ދެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް އަލިއަޅުއްވާލައްވައި ދެ ގައުމުގެ ގުޅިގެން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.