ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފިއެވެ.
މި އިސްލާހު ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މިގޮތުން މިހާރު ގެނެސްފައިވާ މުހިއްމު އިސްލާހުތަކުގެ ތެރޭގައި ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު ޖޫން 1، 2031 އަށް ބަދަލުކޮށް، ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން ޑިސެންބަރު 19، 2031 އަށް ވަނީ ފަސްކުރައްވާފައެވެ.
މީގެ އިތުރުން 500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން ޑިސެންބަރު 1، 2029 އަށް ފަސްކޮށް، ބާޒާރަށް ނެރުން މަނާކުރާ ތާރީހު ޖޫން 1، 2030 އަށް ވަނީ ފަސްކުރައްވާފައެވެ. އަދި ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން ވަނީ މަނާކުރައްވާފައެވެ.
މީގެ ކުރިންވެސް ރައީސް ވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އިސްލާހުތަކެއް ގެންނަވާފައެވެ، އެގޮތުން ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފާއާއި އެކު އެފަހަރު އިސްލާހު ގެންނެވީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާ ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށެވެ.
"ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު"ގެ ދަށުން ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކްގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށްޓަކައި، އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް އެކުލަވާލަން ޖެހެއެވެ.
