އިހަވަންދިއްޕޮޅަކީ 'ސްޕެޝަލް އިކޮނޮމިކް ޒޯން' އެއްގެ ގޮތުގައި ކަނޑައަޅަން އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ހާމަކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަކީ، މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރި ހިމެނޭ ގޮތަށް ހިންގާ އިންޓަގްރޭޓަޑް މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ މި ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއެވެ. އަދި އެ ނިންމުމާއެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެ ކުންފުންޏަށް ދީފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް "އައިހެވަން" ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ މަސައްކަތް ފެށުމުގެ ވާހަކަތައް ދެއްކެވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ މެނިފެސްޓޯގައި ވެސް އެ މަޝްރޫއުގެ ވާހަކަ ހިމަނާފައި އޮތެވެ. ނަމަވެސް އެމަޝްރޫއަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.
ޔާމީންގެ ސަރުކާރުން ހޭދަކޮށްގެން ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުނިންނެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.
އެ މަޝްރޫގައި ބަނދަރަކާއި އެއާޕޯޓެއްގެ އިތުރުން ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ނިންމާފައި ވެއެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރުން ވަނީ ނިންމާފައެވެ.