ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޑަޔަލިސިސް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އިހަވަންދޫއަށް ވަޑައިން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިއަހަރު ތެރޭ ފަށްޓަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަަމަވެސް އޭގެ ކުރިން މިހާޜު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެ ރަށުގައި އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށް ދާނީ އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ފުޅާ މިނުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމަށާއި އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ ކޮންޓްރެކްޓަރު ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެންވިޔަސް އެމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހެއްލެއް ގެނެސްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އެރަށު ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަހައްދުގެ އާބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ރށްތައް ކަމަށާއި އެހެންކަމުން އެ ސަރަހައްދަށް ބޭނުންވާ ތަރައްގޯގެ މަސައްކަތްތައް ހިނގަންޖެހޭނީވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާޖް ސްކޭލުގައެވެ.