ގުރުއާން ހިތުދަސް ކުރުމުގެ ދަތުރަކީ ވަރަށް ހީވާގި ކަމާއި ކެތްތެރިކަމާއެކު މެނުވީ ނުކުރެވޭނެ ކަމެކެވެ. މިކަމަށް ބޭނުންވަނީ މަތިވެރި އަޒުމަކާއި ނުގުޑާ ފަދަ ސާބިތުކަމެކެވެ. ކޮންމެ ދުވަހެއްގެ ތާވަލުގައި ގުރުއާން ހިތުދަސްކުރުމަށް ވަގުތުތަކެއް ކަނޑައަޅައި ފަރުވާތެރިކަމާއެކު ހިތްވަރާއެކު ކާމިޔާބީއާ ހަމައަށް ވާސިލް ވުމުގެ ގަދަ އަޒުމެއް ބޭނުންވެއެވެ. ކުރިން ދަސްވެފައި ހުރި ބައިތައް މުތާލިއާ ކުރުމާއި އާ ބައިތައް ދަސްކުރުމަށް ވަގުތު ހުސް ކުރަން ޖެހެއެވެ.
ހއ. އިހަންވަންދޫ، ނޫތަރި އުމުރުން 20 އަހަރުގެ މަރްޔަމް ރައްޔާ އަހްމަދު ގުރުއާން ހިތުދަސް ކުރުމަށް ފެށި ދަތުރު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ބުނީ، ނާއުންމީދުވެ "ދެން ނުވާނެއޭ" އެތައް ފަހަރަކު ހިތަށް އެރި ކަމަށެވެ. ދުނިޔެވީ އެތައް ކަމެއް ހާސިލް ކުރުމަށް ވެސް ބޭނުންވެފައި ހުރުމުންނާއި އެކުގައި ކިޔެވި އެތައް ކުދިންތަކެއް އެކުދިން ދެކެމުން ދިޔަ ހުވަފެންތައް ހާސިލް ކުރަން ދިޔަ މަންޒަރު ފެނި ހިތުގައި ވެސް ޖެހުނު ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް އޭ ލެވެލް އިމްތިހާނު ނިންމާލުމަށް ފަހު ބަރާބަރު 2 އަހަރު ދުވަހުގެ ތެރޭގައި ރައްޔާ ގުރުއާން ހިތުދަސްކުރީ އޭނާގެ މަންމަ އާއި ބައްޕަ ދިން ނަސޭހަތާއި ލޯތްބާއި ހިތްވަރުން ކަމަށް ރައްޔާ ގަބޫލު ކުރެއެވެ. ހިތްވަރު އެލުވާލި އެތައް ދުވަސްތަކެއްގައި މައިންބަފައިން ދިން ހިތްވަރުގެ ސަބަބުން މިއަދު ގުރުއާން ހިތުދަސްވެފައި ހުރުމުން ވަރަށް އުފާވާ ކަމަށާއި މިއީ ދެ ދުނިޔެއިން ވެސް ލިބޭނެ އުފަލެއްގެ ގޮތުގައި ރައްޔާ ސިފަކުރެއެވެ.
އައިޝަތު ޝަހީރާ އާއި އަހްމަދު އަބްދުއްސަމަދުގެ ދެވަނަ ދަރިފުޅު، ރައްޔާ ގުރުއާން ހިތުދަސްކުރުމުން އެ ދެމަފިރިންނަށް މި ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައެވެ. މިއީ ހަމައެކަނި އެ ދެމަފިރިންނަށާއި އެ އާއިލާއަށް ލިބުނު ފަހުރެއް އެކަންޏެއް ނޫނެވެ. ރައްޔާ އަކީ ހއ. އިހަވަންދޫ އިން އެންމެ ފުރަތަމަ ގުރުއާން ހިތުދަސްކުރި ފަރާތް ވެސް މެއެވެ.
ހާފިޒާއަކަށް ވާން ރައްޔާ ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާކުރަމުން އޭނާ ބުނީ، އޭނާ ތުއްތު އިރު އެ ރަށުގައި ހިންގަމުން ދިޔަ ގުރުއާން ކްލާހުގައި ކިޔަވައިދެމުން ދިޔަ އުސްތާޒް ދިރިއުޅެމުން ދިޔައީ އެގޭގައި ކަމަށެވެ. އޭރު ރައްޔާގެ އުމުރަކީ އެންމެ ހަތަރު އަހަރު ކަމަށާއި އެ އުމުރުގައި ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އަށަގެން ކަމަށެވެ.
ސޫރަތްތައް ދަސްކުރަން އުޅުނު ރައްޔާއަށް އެ ސޫރަތްތައް ދަސްނުވާނެ ކަމަށް އެ އުސްތާޒު ބުނަނީ ސަމާސާއަކަށް ކުޑަކުއްޖަކު ރުޅި އަރުވާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ރައްޔާ ބޭނުންވީ އުސްތާޒު ނުވާނޭ ބުނާ ކަންކަމަކީ އޭނާއަށް ހާސިލްކުރެވޭނެ ކަމެއް ކަން ސާބިތުކޮށްދޭށެވެ. އެ ގޮތުން ވަރަށް ޅަ އުމުރެއްގައި އޭނާ ސޫރަތްތައް ދަސްކުރަން ފެށިއެވެ. މިއީ ރައްޔާއަށް ކުރެވިދާނެ ކަމެއް ކަން އެނގި ރައްޔާގެ މަންމަމެންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމާއެކު އޭނާ މަސައްކަތް ފެށި، ނަމަވެސް އާންމުކޮށް ގުރުއާން ހިތުދަސްކުރާ ކުއްޖަކު ދަސްކުރާހެން ދަސްކުރުމަށް ވަގުތު ނުދެވުނެވެ. މަދްރަސީ ތައުލީމަށާއި އިތުރު ހަރަކާތްތަކަށް އަދި މުބާރާތްތަކަށް ދޭން ޖެހޭ ވަގުތު ދީފައި އެކަމަށް އޭރު ބޭނުންވާ ވަރަށް ވަގުތު ހުސް ނުކުރެވުނީ ކަމަށް ރައްޔާ ބުނެއެވެ.
ގްރޭޑް 9 އަކާ ހަމައަށް އައި އިރު ރައްޔާ ވަނީ ގުރުއާންގެ 15 ފޮތް ހިތުދަސްކޮށްފައެވެ. ނަމަވެސް ޖީސީއޯލެވެލް އިމްތިހާނަށް ތައްޔާރު ވުމަށްޓަކައި އެ ދުވަސްކޮޅު ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް މަޑުޖައްސާލިއެވެ. އޭގެ ފަހުން އޭނާ ހާފިޒާއަކަށް ވުމުގެ ނިޔަތުގައި މި މަސައްކަތް އަލުން ފެށީ 2023 ވަނަ އަހަރު އޭލެވެލް އިމްތިހާނަށް ފަހުއެވެ. ނަމަވެސް ކުރިން ދަސްކުރި 15 ފޮތްވެސް ކޮންމެވެސް ވަރަކަށް ހަނދާން ނެތުމުން 2023 ގައި އާ ހިތްވަރަކާއެކު ރައްޔާ ކިޔަވަން ފެށީ ކުރިން ދަސްކުރި ބައިން ފެށިގެންނެވެ.
ޖުމްލަ ދެ އަހަރު ތެރޭ މުޅި ހަތިމް އެއްކޮށް ހިތދަސްކުރެވުނު އިރު އެއީ ވަރަށް ބުރަ މަސައްކަތް ކަމަށް ރައްޔާ ފާހަގަކުރެއެވެ. ގިނަ ރޭރޭ މުޅި ރަށުތެރެ ހަމަހިމޭނެވުމުން އޭނާ ހޭލާ ހުންނަނީ ގުރުއާން ހިތުދަސްކުރުމުގައެވެ. އެއީ ރައްޔާއަށް ހިތުދަސްކުރަން އެންމެ ފަސޭހަ ވަގުތެވެ. ކޮންމެ ދުވަހަކު ތިން އިރަށް އުސްތާޒް ކައިރިއަށް ދަމުން ދެ އަހަރުތެރޭ ހާސިލް ކުރެވުނު ނަތީޖާއާ މެދު އޭނާ ވަރަށް ބޮޑަށް އުފާވާ ކަމަށް ބުންޏެވެ. މިއީ އެތައް ބައެއްގެ ލޯތްބާއި އެ ބައެއް ދުއާގެ ނަތީޖާ ކަމަށާއި އެ ކަމަށް މާތް ﷲއަށް ހަމްދުކޮށް މައިންބަފައިންނާއި އާއިލާ އަދި ކިޔަވައިދިން މުދައްރިސުންނަށް ހާއްސަ ޝުކުރެއް ރައްޔާ އަދާކުރިއެވެ.
2021 ހެދި ޖީސީއޯލެވެލް އިމްތިހާނުގައި ރައްޔާ އަކީ ޓޮޕް ޓެންގައި ހިމެނުނު ދަރިވަރެކެވެ. އެއަށް ފަހު އޭލެވެލް ކިޔަވައި އެ އިމްތިހާން ހަދާފައި ވަނީ 2023 ވަނަ އަހަރުއެވެ. އޭލެވަލްއާ ހަމައަށް ވެސް ރައްޔާ ތައުލީމް ހާސިލްކޮށްފައި ވަނީ އިހަވަންދޫ ސްކޫލުންނެވެ.
އޭލެވެލްގައި ރައްޔާއަށް ލިބުނީ ވަރަށް ރަނގަޅު ނަތީޖާއެކެވެ. ނަމަވެސް ރައްޔާ ރަށުގައި މަޑުކޮށްގެން ހުރީ ގުރުއާން ހިތުދަސްކުރުމަށް ފެށި ދަތުރު ފުރިހަމަ ކުރުމަށެވެ. އޭރު ސްކޫލް ނިމުނު އެކުވެރިންތައް މާލެއަށް ބަދަލުވަމުން ދިޔައީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ކޮލެޖްތަކުން ހުޅުވާލި ފުރުސަތުތަކަށް ކުރިމަތިލަމުންނެވެ. އތައް ކުދިންނެއް މާލެއަށް ބަދަލުވި އިރު ވެސް ރައްޔާ ހުރީ ރަށުގައެވެ.
މިއާއެކު ސްކޫލުގައި ކިޔަވައި ދިން އެތައް މުދައްރިސުންނަކާއި ރަހްމަތްތެރިންނާއި އެކުދިންގެ ބެލެނިވެރިން ވެސް ރައްޔާއާ ކުރަމުން ދިޔަ ސުވާލުތަކުން އޭނާ ހިތުގައި ޖެހުނެވެ. އެހާ މޮޅަށް ކިޔަވައި ރަނގަޅު ނަތީޖާއެއް ހޯދި ކުއްޖަކު މަތީ ތައުލީމަށް ނުގޮސް ރަށުގައި މަޑުކުރަނީ ކީއްވެތޯ ބަލަން ކުރާ ސުވާލުތަކާ ރައްޔާ ކުރިމަތީ ވަރަށް ހިތްވަރާ އެކުގައެވެ.
އެ މީހުންގެ ސުވާލުތަކަށް ރައްޔާ އެ ދުވަހު ރައްދެއް ނުދެއެވެ. ގުރުއާން ހިތުދަސްކުރަން މަޑުކުރަނީ ކަމަށް ބުނަން ވެސް ބޭނުން ނުވީ އެ ކަން ހާސިލް ނުވެއްޖެ ނަމަ މީހުން ކޮށްފާނެ މަލާމަތަކާ މެދު ވިސްނާފައެވެ. ނަމަވެސް ގާތް ރައްޓެހިން ކިޔަވަން ދިޔަތަން ފެނި ދެރަވެ އެ ހިތާމައިގައި ގުރުއާން ދަސްނުކުރެވޭނެ އޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެއީ އެ ވަގުތު ރަށުގައި ވެސް ހާފިޒެއް ނެތުމާއެކުގައި ރައްޔާގެ ސިކުނޑިއަށް އައި ހިޔާލުތަކާ ހެދި ވިސްނުނު ގޮތް ކަން މިއަދު ގަބޫލުކުރެއެވެ.
ނާއުންމީދުން ފުރިފައިވީ ހިނދުގައި ވެސް ރައްޔާގެ އަތުގައި ހިފައިގެން ހުރީ އޭނާގެ ލޯބިވާ މަންމައެވެ. އެ މަންމަ ރައްޔާއަށް ދައްކައި ދެމުން ދިޔައީ ދެ ދުނިޔެއިން ވެސް ބާއްޖަވެރިކަން ލިބޭނެ މަގެކެވެ. ރައްޔާއަކީ ހުނަރުވެރި ކުއްޖެއް ކަމާއި ރައްޔާ މައްސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ވާނެ ކަން އެ މަންމަ ހަނދާން ކޮށްދިނެވެ. ރައްޔާގެ މަންމަ ރެއާ ދުވާލު ކެނޑިނޭޅި ދެމުން ދިޔަ ހިތްވަރާއެކު އެ މަންމަގެ ހިތް އުފަލުން މިއަދު އެވަނީ ބަންޑުން ކޮށްލާފައެވެ.
ރައްޔާގެ މަންމަ އައިޝަތު ޝަހީރާ ބުނީ، ރައްޔާ ހާފިޒާއަކަށް ވުމަކީ އޭނާ ދެކެމުންއައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އޭނާގެ ދަރިން ގުރުއާން ހިތުދަސްކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެގޮތުން ރައްޔާ ކުޑައިރު ގުރުއާން ދަސްކުރުމަށް އުފެދުނު ޝައުގުވެރިކަން ފެނި ވަރަށް އުފާވި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ގާތްގާތުގައި ދަރިން ލިބި ރައްޔާއަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުން ދަސްކުރުމުގައި ލަސްތަކެއް ދިމާވި ކަމަށް އޭނާގެ މަންމަ ބުނެއެވެ.
ނަމަވެސް މިއަދު މަންމައެއްގެ މަގާމުގައި ހުރެ ފަހުރުވެރިކަން އިހްސާސްކުރެވުނު ކަމަށާއި މަންމައެއްގެ ހައިސިއްޔަތުން ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން އިހްސާސްވެއްޖެ ކަމަށް ޝަހީރާ ބުނެއެވެ. އަދި ގުރުއާން ހިތުދަސް ކުރުމަށް ދަރިން ޝައުގުވެރިކަން އުފެއްދުމަށް މައިންބަފައިންގެ ދައުރު ވަރަށް މުހިއްމު ކަމަށް ޝަހީރާ ބުނެއެވެ.
