ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަހިކޮށްދޭ ޑަޔަލިސިސް ފުރުސަތުތަކާއެކު ކިޑްނީ ބަލީގެ ފަރުވާތައް އަވަސްވެގެންދާނެކަމަށް ރައީސްގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސާޖިދާ ވިދާޅުވީ މި ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ މިފަދަ ފުރުސަތުތަކާއެކު އެތައް އުދާސްތަކަކުން ބަލިމީހާ މިންޖުވާނެކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުން ގެންދާ ފަރާތްތަކަށް އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ވިދާޅުވެ ސާޖިދާ ވަނީ އެފަދަ ބަލި ތަހައްމަލްކުރާ މީހުންގެ އިހްސާސްތައް ދެނެގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ހއ. އިހަވަންދޫއަށް ރައީސް މުއިއްޒު މި އަހަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޑަޔަލިސިސް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެރަށުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ މަސައްކަތް މިއަހަރު ތެރޭ ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ.