މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި ފައިސާ ވަގަށް ނެގި މައްސަލައިގައި ބިދޭސީ އަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ.

ފުލުހުން ބުނީ މި މީހާ ހޯދަމުންދަނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. ފުލުހުން ބުނީ ސައި ތެޖާ މެދަރަމެޓްލާ އަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަަމަށެވެ.

ފުލުހުން ވަނީ އި ތެޖާ މެދަރަމެޓްލާ، ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ފެބްރުއަރީ 3، 2024 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

މަކަރާ ހީލަތުން އެކައުންޓުގައި ހުންނަ ފައިސާ ވަގަށް ނަގާ މައްސަލަަ ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.