ދެ ބިދޭސީންގެ ދެމެދުގައި މިރޭ މާރާމާރީއެއް ހިންގައި އެކަކުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
ފުލުހުން ބުނީ މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު މިރޭ 7:30 އެހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މި މައްސަލައާ ގުޅިގެން ބިދޭސީއެއް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މާރާމާރީގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ފެނުމަށް ބިދޭސީ މީހާގެ ބޮލުގެ ފުށްކިބަ ކައިރި ވަނީ ފަޅާލާފައެވެ. އަދި އެމީހާ އަތުން ބޮލުގައި އަތް އަޅައިން ހުރި ނަމަވެސް ލޭ ފައިބާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
މީގެ ކުރިންވެސް ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އަދި ހަމައެހެންމެ މުޖްތަމައުގެ ތެރޭގައި ހިންގާ އެކި އެކި ކުށްތަކުގައި ބިދޭސީންގެ ދައުރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންކަން ފާހަގަކޮށްލެވެއެވެ.