ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ހަސަން ޝަރީފްއަށް މިނިސްޓްރީން އެއްވެސް އުޖޫރައެއް ނުދޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި މި މަހުގެ 16 ވަނަ ދުވަހު ހަސަން ޝަރީފް ހިއްސާ ކުރި ވީޑިއޯ ކްލިޕެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އެކި ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މިއަދު ހަސަން ޝަރީފް އާ ބައްދަލުކޮށް، ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްފޯސްއިން ޖާގަ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީގެ ސްޕޯކްސްޕާސަން ބުނީ ހަސަން ޝަރީފް ޓާސްކް ފޯސްގައި މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީން އެއްވެސް އުޖޫރައެއް ނުދޭނެ ކަމަށެވެ. އޭނާ އަކީ ފާއިތުވި 10 އަހަރުވެސް ބިދޭސީންގެ މިފަދަ ކަންބޮޑުވުންތައް އެކި އެކި ސަރުކާރާ ހިއްސާކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އޭނާ ދޭނީ ހަމައެކަނި އެކަމާ ގުޅުން ހުރި މައުލޫމާތު ކަމަށެވެ.
އެކަމާ ގުޅުން ހުރި ގިނަ މައުލޫމާތު ހަސަން ޝަރީފް އެއްކޮށްފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މުޖްތަމައުގައި ހުންނަ މިފަދަ މައްސަލަތަކަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ. "ވަރަށް ގިނަ މައުލޫމާތު މިކަމުގައު އެއްކޮށްފައިވޭ ހަސަން، މިނިސްޓްރީގެ ޓީމަށް އިންޕުޓް އެއް ހަސަން ދެއްވާނީ" މިނިސްޓްރީން ބުނެފައި ވެއެވެ.
އެކި އެކި މީސްމީޑިއާގައި ވައިގެ ހިފާލި ހަސަން ޝަރީފްގެ އެ ވީޑިއޯގައި ބުނެފައި ވަނީ ނުގަވާއިދުން އުޅޭ ބިދޭސީން ދަނީ ދިވެހިންގެ ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ކޮންޓްރޯލް ކުރަމުންނެވެ. އަދި ހަމައެހެންމެ މިގައުމުގެ 99 ޕަސެންޓް ވިޔަފާރި ކޮންޓްރޯލް ކުރަނީ ނުގަވާއިދުން އުޅޭ ބިދޭސީން ކަމަށް އޭނާގެ އެ ވީޑިއޯގައި ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ވީޑިއޯގައި އޭނާ ހިއްސާ ކޮށްފައިވާ ކަންކަމަކީ މި ސަރުކާރުންވެސް ހައްލުކުރަން މަސައްކަތް ކުރަމުންދާ މައްސަލަތަކެއްކަން ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު މި ކަމަށް އެދެވޭ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވެ މުޖްތަމައުގައި ހިނގާ ނޭދެވޭ އެތައް ކަމެއްގައި އެމީހުންގެ ދައުރު އޮވެއެވެ. އެގޮތުން މަސްތުވާތަކެއްޗާ ވައްކަން ފަދަ މުޖްތަމައުގައި ހިނގަމުންދާ ބޮޑެތި ކުށްތަކަށް އަރައިގަންނަ ބިދޭސީން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.