ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑާއި އީ-ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މެލޭޝިއާގެ ކުއާލާ ލަމްޕޫރުގައި ފަށައިފިއެވެ.
މި ހިދުމަތް އިފުތިތާހު ކުރީ މެލޭޝިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނުއެވެ.
މި ދެ ހިދުމަތް ވެސް މާދަމާއިން ފެށިގެން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިއީ ރާއްޖެއިން ބޭރުގައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމު ވެސް މެއެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން އުޅެމުން އަންނަ ގައުމަކަށްވާއިރު މީގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ސަރުކާރުން ވަނީ އައިޑީކާޑުގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެ ގޮތުން 15 ރަށެއްގައި މިހާރު ވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ދެމުން ދެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.