ހުރިހާ އެއާޕޯޓުތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ޓްރަކްތަކެއް ކަމަށާއި، ފަޔާ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިފަދައިން ވިދާޅުވެފައިވަނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. ނަމަވެސް އެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓު އޮޕަރޭޝަނަށް މިހާރު ވަނީ ގެނެސްފައެވެ.

މުބީން ވިދާޅުވީ ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރުއޭސީއެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަމަށާއި، އެމްއޭސީއެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ފަޔާ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މުބީން އިތުރަށް ވިދާޅުވީ މިއީ ކުރީ ސަރުކާރުތަކުން އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ ކަމަށާއި، އެތައްދުވަހެއް ވީއިރުވެސް އެއާޕޯޓްތަކުގައި ހުރި ބާ ފަޔާ ޓްރަކުތައް އާ ނުކުރާ ކަމަށެވެ.

https://www.facebook.com/100063882271075/posts/1215411000598298/?mibextid=wwXIfr&rdid=tqTid6gh5Bmt9FYG#

މުބީން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މޯލްޑިވިއަން އިން ފުނަދޫ އަށް ކުރަނީ ހަފްތާއަކު ތިން ދަތުރެވެ. މި ދުވަސްވަރަކީ އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށަށް ދަތުރު ވެސް ކުރާ ދުވަސްވަރެކެވެ. އީދު ބަންދު ފެށިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަދި އީދު ފަހު ދުވަހަކީ މާދަމާއަށް ވާއިރު އެއީ ޗުއްޓީގެވެސް ފަހު ދުވަހެވެ.