އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ހާސިލް ކުރި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ ދަރިކަލުން ލައިބާ އަހްމަދު މަހްލޫފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބަހާއި މަރްހަބާ ދަންނަވައިފިއެވެ.
ރައީސް މުއިއްޒު ލައިބާއަށް މަރުހަބާ ވިދާޅުވި އާންމު ކުރި ޕޯސްޓްގައި ވިދަޅުވީ، ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެދިވަޑައިގަންނަވަނީ ލައިބާއަށް އިތުރު ކާމިޔާބީ އާއި ރަން ވަނަތަށް ލިބުމަށް ކަމަށާއި އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މަރުހަބާ ދެންނެވުމާ ގުޅިގެން މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލައިބާ ދިވެހިރާއްޖެ އަށް ހޯދައިދިން ތާރީހީ ކާމިޔާބީ ފާހަގަކުރައްވާ ރައީސް މަރުހަބާ ވިދާޅުވުމަކީ ލައިބާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްވަރެއް ކަމަށެވެ. ބައިނަލްއަގްވާމީ މުބާރާތްތަކާއި އަދި ގައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވި ކަމަށްޓަކައި މަނިކުފާނަށް އަދި ކުޅިވަރާ ބެހޭ ވަޒީރު ރާފިއުއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.