ހޯމް މިނިސްޓަރު އަލީ އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ވާހަކަ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.
ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަން ރައީސްގެ ސަމާލުކަމަށް ޝަމްއާން ގެނައި ކަމަށާއި، އެ ވާހަކަތަކަށް "ތިއީ ލޯޔަލް ވުމެއް ނޫން" ކަމަށް ރައީސް ވިދާޅުވިކަމަށް ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ދެކެވިފައެވެ. ޝަމްއާންގެ އާއިލާއިން މިފަދައިން ބުނެފައިވާކަމަށް ވާހަކަތައް ދައުރުވެފައިވާއިރު މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މި ވާހަކަތައް ގޮދު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ކަމަށާއި، އެއްވެސް މުއައްސަސާއެއްގެ މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ހައްޔަރުކޮށްފައި ވެއެވެ.
މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އޭރު ކޮންޓްރޯލަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމްއާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޭޕްރީލް މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް އަމުރުކޮށްފައެވެ.