ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގް ބިން ފައުޒާނު އައްރަބީއާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާތްވެގެންވާ ދެ މިސްކިތުގެ ބެލެނިވެރި ފަރާތް، ހިޒް މެޖެސްޓީ ކިންގް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދާއި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރެއްވިއެވެ. މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ އިރު، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދިން މެހެމާންދާރީ އާއި ހުރުމުގެ އިންތިޒާމަށް ވެސް ރައީސް ތައުރީފް ކުރެއްވިއެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައޫދީ އަރަބިއްޔާގައެވެ. ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ގައުމުގައި ތިއްބަވަނީ، ސައޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.
އެގޮތުން މިއަދު ރައީސް މުއިއްޒު ވަނީ ސައޫދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.