ފާއިތުވި 18 މަސްދުވަސް ތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިވަނީ މިރޭ ކުރިއަށްގެންދާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އިހުސާން ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކާއި ހިލާފަށް މި ސަރުކާރުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ގޮތް ތަފާތު ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އަތުލުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ސްޕްލަޔަރާ ހަމައިން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މީގެ ކުރިއާއި ހިލާފަށް މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި މިހާރު މި ދަނީ އެ ތަކެތި ރާއްޖެ އެތެރެކުރާ އަދި އެތަކެތީގެ ވިޔަފާރި ކުރާ ބޮޑުން އަތުލައިގަތުމުގެ މަސައްކަތް ކުރަމުން.
މިނިސްޓަރު އިހުސާން

އިހުސާން ވިދާޅުވީ މިހާރުވެސް ސީ ކާގޯގެ ކޮންޓެއިނާތައްވެސް ސްކޭން ކުރެވޭނެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިންވެސް ބޮޑު ކާމިޔާބީއެއް މި މަސައްކަތުގައި ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ވަނީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށް އެމީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުވައްމުލަކުގެ މި ދެމީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުުގެ ދައުވާ ވަނީ ކޮށްފައެވެ.