ދިވެހީންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖޭގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރުމަށް ހާއްސަ ދާއިރާތަކެއް ކަމަށެވެ.
އެގޮތުން ރިސޯޓުތަކުގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއްކަން ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި، އެކަން ހިނގަމުންދާ ގޮތް މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ބިދޭސީންނަށް ވަޒީފާދޭއިރު، އެމީހުން ތިބީ ގާނޫނީ އިމުގެތެރޭގައި ނުވަތަ ނޫން ކަން ވެސް ޔަގީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އދ ފަދަ ބައިނަލްއަގްވާމީ އިދާރާތަކުންވެސް ދިވެހި މަސައްކަތްތެރިންގެ ހާލަތާ މެދު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަކަ ކުރައްވާ އިހުސާން ވިދާޅުވީ، އެ އޮގަނައިޒޭޝަންތަކުގެ ވެސް އެއްބަސްވާ މިންގަނޑުތަކަށް ދިވެހި މަސައްކަތްތެރިންގެ ކަންކަން ތަރުތީބު ކުރަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމައެހެންމެ ބިދޭސީންނާ ގުޅޭ ގާނޫނުތައް އެތައް އަހަރެއް ވަންދެން ތަންފީޒް ނުކޮށް ހުރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ގާނޫނުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވުމުން ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އަދި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެކަމޮޑޭޝަން ފެސިލިޓީތައް ރާއްޖޭގައި ގާއިމްކުރުމަށް ތައްޔާރުވަމުންދާކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް 3 އަހަރުދުވަހުގެތެރޭގައި ބިދޭސީންގެ މިމައްސަލައަށް ހައްލުގެނައުން ކަމަށެވެ.
އެގޮތުން ބޯޑަރު ހުރަސްކޮށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ފިންގާ ޕްރިންޓް ކަށަވަރު ކުރަން ފަށާނެކަމަށް އިހުސާން ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖޭގައި ގިނަ އަދެއްދެއްގެ މަސައްކަތްތެރިން ގެންގުޅޭ މީހުންނަށް ހާއްސަކޮށްގެން ގަވާއިދުން ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތައް އަތޮޅުތެރެއަށްވެސް ފުޅާ ކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބިދޭސީން ގަވާއިދަށް ފެއްތުަމށް ކުރަމުންދާ މަސައްކަތާ މެދު ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.