މަޖިލީހުން ނިންމަން ހުރި ބައެއް މުހިންމު މަސައްކަތްތަކެއް ނިންމުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް އިން ހުށަހަޅައިފިއެވެ.

މި ޖަލްސާ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަަޖެހޭ ބަދަލާއި މަޖިލީހުން ނިންމަން ހުރި އިތުރު މަސައްކަތްތައް ކުރުމަށް ކަމަށް ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ހާމަކޮށްފައެވެ.

މި ޖަލްސާ ބާއްވަން ހުށަހަޅާފައި ވަނީ 38 މެމްބަރުންގެ ސޮޔާ އެކުއެވެ. އޭގެ ތެރޭގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަދި ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވާ އެފެއްދެވި ޑިމޮކްރަޓްސްއަށް ނިސްބަތްވާ މެންބަރުން ހިމެނެއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އިއްޔެ ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް، ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާ ހިމެނޭހެން 20 މާއްދާ އިސްލާހު ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ކުރިއަށް މަޖިލިސް ޖަލްސާ ބޭއްވާނެ ކަމަށް އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ މާޗް 17 ގައެވެ. އެއީ ރޯދަ މަހެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.