އައްޑޫ ސިޓީގެ 4 އަވަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތީގެ ގުރުނެގުން މި ހަފްތާތެރޭގައި ބާއްވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތީގެ ގުރުނެގުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވެއްސަކަށް ބަހާލައިގެންކަމަށެވެ މި ގޮތުން ފުރަތަމަ ފިޔަވަހީގައި ހިތަދޫ އިން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ އާއި މީދޫ އިން ކޮންމެ ރަށަކުން 100 ގޯތި ދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ލިސްޓު ކައުންސިލުން ވަނީ މިދިޔަ ޑިސެމްބަރު މަސްތެރޭ އާންމުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށެެވެ

އައްޑޫ ސިޓީ އިން ގޯތި ދޫނުކުރާތާ 26 އަހަރު ފަހުން، 2023 ވަނަ އަހަރު ޖަނަވަރީ މަހު ގޯތި ދޫކުރުމަށް ނިންމާ ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައެވެ. އެހެންނަމަވެސް ގޯތި ދޫކުރުމަށް އިއުލާންކުރިތާ އެއް އަހަރު ވެގެން ދިޔަ އިރުވެސް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.