ކ. ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ސްޓޯރޭޖް ބަދަލު ކުރަނީ ތިލަފުށީ ކައިރި އޮންނަ މާގިރިއަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ފުނަދޫގައި ތެޔޮ ރައްކާކުރުމަށްޓަކައި ގާއިމްކޮށްފައިވާ ފިއުލް ފާމް މާގިރިއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ކ. ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނަކީ ކ. ތިލަފުށި ކައިރީގައި އޮންނަ މާގިރި ކަމަށާއި އެއީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ކައިރީގައި އޮންނަ މާގިރި ނޫން ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ދެ މާގިރިއެއް އޮތުމާއެކު ގިނަ ބަޔަކަށް އެކަން އޮޅުން އަރާފައިވާތީއެވެ.
ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ސްޓޯރޭޖް އެހެން ތަނަކަށް ބަދަލު ކުރަން ނިންމާފައި ވަނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކާ ބެހޭ އިދާރާ އެ ރަށުގައި ގާއިމް ކުރުމަށް ނިންމާފައިވާތީއެވެ. އެގޮތުން ފިއުލް ސްޓޯރޭޖް މާގިރިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ އެސްޓީއޯއާ ގުޅިގެންނެވެ.
ބައިނަލްއަގުވާމީ މާލީ ސެންޓަރެއް ގާއިމްކުރަން ސަރުކާރުން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ހާމަކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ.