އަބޫދާބީގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ކުރެހުންތައް އާންމުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ.

މި މަޝްރޫއުގެ ކުރެހުންތަކާ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެކްސްގައި ހިއްސާކުރައްވާފައެވެ. މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓާޕްލޭންގެ ދަށުން، ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ވާއު އާކިޓެކްޓްސް / ވާނާ ވޮން ޑިޒައިން އިންނެވެ.

މި ޕްލޭނުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓާފްރަންޓް ޓައުންހޯމްތަކުގެ އިތުރުން މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ އިތުރުން ކުޅިވަރުކުރެވޭނެ އިންތިޒާމާ، ކެފޭ، ރެސްޓޯރަންޓް، ފިނި މައިޒާންތަކާ، މޫދަށް އެރިލާނެ ތަންތަން އަދި ފިހާރަތައް ފަދަ އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ހިދުމަތްތައް މި ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ.