ވިލިމާލެއާއި ގުޅިފަޅާ ދެމެދު އަޅާ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ގުޅުވާލައިފިއެވެ.

މިއީ މުޅި މަޝްރޫއަށް ލިބުނު ވަރަށް މުހިންމު އަދި ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާ، ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެންމެ ފަހު ސެގްމެންޓާއެކު، ދެ ރަށް މިހާރު އެއްކޮށް ގުޅާލެވިފައިވާ ކަމަށެވެ.

އަދި މިއީ ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމަށް ކުރެވޭ އުއްމީދީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުހިންމު ލަނޑުދަނޑި ހާސިލުވުމާ ގުޅިގެން މުއްތަލިބު ވަނީ މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް ކޮންސަލްޓަންޓް އަރޫޕް އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ޓީމަށް މަރުހަބާ ދަންނަވާފައެވެ.

މީގެއިތުރުން، މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށްވެސް މިނިސްޓަރު ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކާމިޔާބީ ހާސިލުކުރުމަށްޓަކައި ބުރަ މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށްވެސް އޭނާ ޝުކުރު އަދާކުރައްވާފައި ވެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްޓަކައި ކުރިއަށްގެންދާ ރާއްޖޭގެ ތާރީހުގައިވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއު ނިމުމުން މާލެ ސަރަހައްދުގެ އިގްތިސާދަށާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ.

ވިލިމާލެ އަދި ގުޅިފަޅު ބްރިޖުން ގުޅާލާފައި / ފޮޓޯ: މިނިސްޓަރު މުއްތަލިބް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލަދޭ މި ބްރިޖަކީ ކަނޑުބޯޓުފަހަރަށްވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ އުސް ނެވިގޭޝަން ސްޕޭންތަކާ އެކު ފަރުމާކޮށްފައިވާ ބްރިޖެކެވެ. މުޅި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެފްކޮންސްއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.