ރަސްމާލެ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކައި ނިންމުމަށް ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް އުމްރާނީ ތަރައްގީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިފަދައިން ވިދާޅުވެފައި ވަނީ ވަޒީރުންގެ އަހާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މި މަޝްރޫއު ފެށިގެން އައިއިރު މާކެޓް އަގުތަކަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބަލައި 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ހަރަދެއް ހިނގާނެކަމަށް އަންދާޒާކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ހާއްސަ ފިޔަވަޅުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އަދި ޑްރެޖަރު ޗާޓަރުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން މި ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން، އީގަލް ހިލްސްއަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 500 ހެކްޓަރުގެ ބިން ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުން، މި މަޝްރޫއުގެ ޖުމްލަ ހަރަދުގެ ތެރެއިން ބައެއް ފައިސާ ދައްކާފައިވަނީ ދިވެހި ރުފިޔާއިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ސަރުކާރުގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރި އިރުގައި ވީހާވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން، މުޅި މަޝްރޫއަށް ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަނެއްހާ ޑޮލަރު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭން ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކަމުންދާ އިރު، އޭގެ ތެރެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދެނީ މަތީ ފަންތީގެ ހޮޓާތަކާއި ޓޫރިސްޓް ވިލާތައް ހިމެނޭ ގޮތުން ވޯޓާ ފްރަންޓް މެރީނާއެއް ތަރައްގީ ކުރުމަށެވެ.
އަބޫދާބީގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ.
މި ޕްލޭނުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓާފްރަންޓް ޓައުންހޯމްތަކުގެ އިތުރުން މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ އިތުރުން ކުޅިވަރުކުރެވޭނެ އިންތިޒާމާ، ކެފޭ، ރެސްޓޯރަންޓް، ފިނި މައިޒާންތަކާ، މޫދަށް އެރިލާނެ ތަންތަން އަދި ފިހާރަތައް ފަދަ އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ހިދުމަތްތައް މި ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ.
