ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗް މަހުގެ 15 އަށް ބާލާ ނިންމުމަށް ދިވެހި ސަރުކާރުން އިންޑިއާއަށް އަންގާފައި އެންގުމާ ގުޅިގެން ކުރިއަށް މަޝްވަރާތަކުގެ 2 ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.
ހަފްތާއަކު 1 ފަހަރު އެގައުމުގެ ފޮރިން މިނިސްޓްރީން ބާއްވަމުން ގެންދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާން ރަންދީރް ޖައިޝްވާލް ވިދާޅުވީ, އިންޑިއާ އާއި ރާއްޖެ އާ ދެމެދު ކުރިއަށް ދާ ހައިލެވަލް ކޮމިޓީގެ މަޝްވަރާތަކާ ގުޅޭ ގޮތުން މިހާތަނަށް ބޭއްވުނީ 1 ބައްދަލުވުން ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައި ވާނެ ކަމަށެވެ.
އެ ބަޔާނުގައި, ރާއްޖޭގައި ބޭނުން ކުރާ އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު އިންސާނީ އެހީގެ ކަންކަމުގައި ހުއްޓުމެއް ނެތި ބޭނުން ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވާ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ގާއިމުވެ ތިބޭ މައްސަލަ ރާއްޖޭގެ ފަރާތުން ފާހަގަ ކޮށް އެމީހުން ބޭލުމަށް މުހުލަތެއް ދީފައި ވާ އިރު އެކަމާ ގުޅޭ ގޮތުން ތަރުޖަމާން އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު އެ މައުޟޫގައި ވިދާޅުވެފައި ވަނީ, މާޗް 15 އަށް އެންމެން ނުބޭލިދާނެ ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭ ފުރަތަމަ ބައްދަލުވުން ޖުނުއަރީ 14, 2024 ގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބާއްވާފައި ވާ އިރު ދެވަނަ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވާ އިންޑިއާގައި އެ ބައްދަލުވުން ބާއްވާނެ ތާރީހެއް ހާމައެއް ނުކުރެއެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސިޔާސީ މަޝްރަހު ނުތަނަވަސް ވެފައި ވާ އިރު, ދެގައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ރާއްޖެއާއި އިންޑިއާގެ ލަކްޝަދީޕް ގުޅުވައި ބަހުގެ ހަމަލާތައް ރައްދު ކޮށްފައި ވެސް ވެއެވެ. މި ނުތަނަވަސްކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސް ކޮށް ރާއްޖޭގެ 3 ޑެޕިއުޓީ މިނިސްޓަރަކު ހިޔާލުފާޅު ކުރެއްވި މައްސަލަ އިތުރަށް ހޫނުވެގެންވެސް ދިޔައެވެ. އެއާއެކު އެ 3 ވަޒީރުން ވަނީ މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު މަޝްރަހު ނުތަނަވަސް ވެފައި ވަނިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ މިހާރު ޔޫގެންޑާގައި ކުރިއަށް ދާ ނާމް ސަމިޓުގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމާ ބޭގޮތުން ދެ ވަޒީރުން ވިދާޅުވެފައި ވަނީ, މިހާރު ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި ވާ މައްސަލައިގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ޒަމީޒު ވިދާޅުވީ, އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް އަވަހަށް ނިންމުމާ ބެހޭ ގޮތުންނާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.