ތުހުމަތުކުރެވޭ މީހުންގެ ހާލަތާ މެދު ވާހަކަދެއްކުމުގެ ފުރުސަތު ހުރިހާ ކޯޓުތަކުން ފުލުހުންނަށް ދޭން ޖެހޭ ކަމަށް ޕީޖީއިން ބުނެފިއެވެ.

ޕީޖީއިން ބުނީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ނިންމާ ހާލަތުގައި މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް ފުލުހުން ވަކި ހާއްސަ ޝަރުތެއް ހިމެނުމަށް އެދޭނަމަ އެ ކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކީ ގާނޫނުން ފުލުހުންނަށް ލިބޭންޖެހޭ ފުރުސަތެއް ކަމަށެވެ.

މިހާރުވެސް ބައެއް ކޯޓުތަކުން އެފުރުސަތު ދޭކަން ފާހަގަކޮށް ޕީޖީއިން ބުނީ ބައެއް ކޯޓުތަކުގައި އެ ފުރުސަތު ފުލުހުންނަށް ނުލިބޭކަމުގެ ޝަކުވާލިބޭތީ ގާނޫނުން ލިބޭ ފުރުސަތު ހުރިހާ ކޯޓެއްގައި އެއްގޮތަކަށް ފުލުހުންނަށް ލިބުމަކީ މި ނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ޕީޖީއިން ބުނީ އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ އެކި ގޮތްގޮތަށް މުޖްތަމައަށް ދޫވާ މީހުންނަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެއްވޭނެ ކަމަށެވެ.

ޕީޖީއިން ބުނީ ޖިނާއީ މައްސަލައެއްގައި މީހަކު ބަންދުގައި ބަހައްޓަން، ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގައި ހުއްދަކޮށްފައި އޮތީ ފަސް ކަމެއް ފުރިހަމަވާނަމައެވެ.

އެއީ:

  1. އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއް ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި
  2. ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި
  3. ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި
  4. ފިލައިފާނެ ކަމަށްޓަކައި
  5. ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި

ޕީޖީއިން ބުނީ ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި ތަހްގީގު މަރުހަލާގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި ކޯޓުން އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ އެ ޝަރުތުތައްވެސް ގަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިގްރާރުވެ ސޮއިކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެ ކަމަށް އޮންނަ ކަމަށެވެ.