ގަލޮޅުގެ ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރުދައްކައި ފޭރުނު މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ އެފަދަ 3 މައްސަލައިގައި ތުހުމަތު ކުރެވޭ އެ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.