އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު، ގުޅިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކީރިތި ގުރުއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ ބަލައިގެން ކިޔެވުމަށް އަހުލުވެރިކުރުވުމާ، ހާފިޒުންނަށް އަމާޒުކޮށް މުރާޖައާ ކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޖަނަވަރީ 15، 2024 ވަނަ ދުވަހު ހުޅުވާލާކަމަށެވެ. އަދި މި ޕްރޮގްރާމް ޖަނަަވަރީ 24، 2024 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވާ ތާރިހަކީ އޭޕްރީލް 08، 2024 އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ގޮތުން ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމް "މައިންޑްފުލް ރަމަޟާން " މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.