މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒާއެކު، ޖަލުތަކުގައި ތިބި ގައިދީންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަލްމާން މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަބްދުﷲ ސައުދާންއެވެ.
އެމްސީއެސް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިއިރު، އޭގެތެރެއިން ބައެއް ފަރާތްތަކަށް ރަނގަޅަށް ކީރިތި ޤުރްއާން ކިޔަވަން ނޭނގޭކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްއާން އުގަންނައިދެވޭނެ ފުރުސަތު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން، ޤުރުއާނާ ބެހޭ މަރުކަޒުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްއާނާއި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދިންގެ ތައުލީމީ ފެންވަރަށް ރިއާޔަތްކޮށް ކްލާސްތައް ނަގައިދޭނެ މުގައްރަރު ކަނޑައެޅާނެއެވެ. މި އެއްބަސްވުމުގެ ދަށުން، ދަރިވަރުންގެ ކުރިއެރުމާއި އިމްތިހާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ކުރިއަށް ގެންދާނެއެވެ.