ހުޅުމާލޭގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ކޮމާޝަލް ޔުނިޓެއް ދިނުމަށް އެއްބަސްވުމެއްގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރެޝަނުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި ސީއެފްއޯ އަހްމަދު ޝާމްއެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.
އެޗްޑީސީއިން ބުނި ގޮތުގައި މި އެއްބަސްވުމަކީ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. އެގޮތުން ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް އެ ކޮމާޝަލް ޔުނިޓު ހަވާލުކޮށްފައިވަނީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުންނެވެ.
އެޗްޑީސީއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. އަދި ހުޅުމާލޭގައި ގާއިމު ކުރެވޭ މި ތަނުން ގިނަ ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި ހުޅުމާލޭގެ ރައްޔިތުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ވަނީ ދާދި ފަހުން ވަނީ ހުޅުމާލޭގައި އާ ސްކޫލެއް ތަރައްގީ ކުރުމަށް ނިންމާ މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި ސުކޫލު ތަރައްގީކުރަން ނިންމާފައިވަނީ ޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ވަގުތީ ހުންނަ މިސްކިތާއި ގުޅިގެން ދާގޮތަށެވެ.
މި ސްކޫލު ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.