ކައުންސިލަރުންނަށް އަމާޒުކޮށްގެން ހަތީބުކަމުގެ ކޯހެއް ފެށުމަށް ނިންމާ، މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

އެ މަރުކަޒުން ބުނީ މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ކައުންސިލަރަކަށްވުމުގެ އިތުރުން ފިރިހެނަކަށްވުންކަމަށެވެ. 15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ހަފްތާއަކު 5 ދުވަހު ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 50 ކައުންސިލަރަކަށް ދިނުމަށް ހަމަޖެހިފައިވާއިރު ކޯހަށް މީހުން ހޮވުމުގައި ބަލާނީ ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއެކު ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަކަމަށެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 25، 2025 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުމާއި، އައިޑީކާޑު އަދި ސީވީގެ އިތުރުން އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް ހުށަހެޅުމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ އެދިފައެވެ.

މީގެ ކުރިން ޒުވާން ހަތީބުން ޕްރޮގުރާމުގެ ދެ ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ހަތީބުން މިހާތަނަށް ސަނަދު ހާސިލު ކޮށްފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ތިން ވަނަ ބުރަށް ހުޅުވާލި ފުރުސަތުގައި ޕްރޮގުރާމުގައި ބައިވެރިވުމަށް 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ.