އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. ސުބްރަމާނިއަމް ސުވާމީ ރާއްޖެ ހިފުމަށް ގޮވާލާ ފަދަ މޭރުމަކުން ކުރި ސޯޝަލް މީޑިއާ ޕޯސްޓު ކުށްވެރިކޮށް، އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން ގޯސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގެ ސަބަބުން ކަމަށް، އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

މީގެ ކުރިން ވެސް ރާއްޖެ ހިފުމަށް ގޮވާލި ސުވާމީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ފޮނުވާލަން ރައީސް އެދިވަޑައިގެންނެވިކަން ފާހަގަކޮށް، މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ 'އިތުބާރު ގެއްލިފައިވާ' ރާއްޖެ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ހެޔޮ އެދޭނެތޯ، ނުވަތަ އިންޑިއާގެ ސިފައިން ފޮނުވައި ވެރިކަމުން މިހާރުގެ ރައީސް ބާލާނެތޯ ސުވާލު އުފައްދައިފައެވެ.

ރާއްޖެ ހިފުމަށް ގޮވާލާ ފަދަ މޭރުމަކުން ސުވާމީ ކުރި ޕޯސްޓަށް ބައެއް ދިވެހީންގެ ފާޑުކިއުން ވެސް އަމާޒުވެފައިވެއެވެ.

މިހެންވެ، ސުވާމީ ކުރި ޕޯސްޓު ކުށްވެރިކޮށް ނެރުނު ބަޔާނުގައި، އިންޑިއާ އާ ގާތް ސިޔާސަތުތަކެއް ގެންގުޅެމުންދާ އެމްޑީޕީން ސިފަކުރީ ސުވާމީގެ ޕޯސްޓަކީ ދިވެހީންނާއި އިންޑިޔާގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ ގޮތުން އޭނާ ކުރި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

އެމްޑީޕީން ވަނީ، ރާއްޖެ އާއި އިންޑިއާ އިން ޒަމާނުއްސުރެ ދަމަހައްޓަމުންދާ ގާތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިހްތިރާމާއި ގާތް ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަން ފާހަގަކޮށްފައެވެ.

އެހެންކަމުން ސުވާމީގެ ޕޯސްޓުގައި ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް ބުނެ، އެމްޑީޕީން ސުވާމީ އަށް ގޮވާލީ ރާއްޖޭގެ ނަން ބޭނުންކޮށްގެން ސިޔާސީ މަގްބޫލުކަން ހޯދުމަށްޓަކައި 'އޮށްޓަރެއް ނެތް' މިފަދަ ވާހަކަތައް ނުދެއްކުމަށެވެ.

ބަޔާން ނިންމާލަމުން އެމްޑީޕީން ބުނީ، މިފަދަ ވާހަކަތައް ދެއްކުމަށް ސުވާމީ ފަދަ ބޭފުޅުންނަށް މަގުފަހިވަނީ ރައީސާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިންޑިއާ އާ މެދު ގެންގުޅުއްވާ ސިޔާސަތުތަކާއި ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށްޓަކައި ދިވެހި ސަރުކާރުން ބުނީ، މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމަށް އިންޑިއާގެ އިސްބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ، މާޗު 15 ގެ ނިޔަލަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް މިފަހުން ވިދާޅުވެފައެވެ.