މޫސުން ގޯސްވެ މިދިޔަ މަހު ގެއްލުން ލިބުނު 90 ގެއަކަށް އެހީ ފޯރުކޮށްދެވިއްޖެ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތައް 9 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ، ލ. ގަން، ލ. މާމެންދޫ، ޅ. ހިންނަވަރު، ސ. މަރަދޫ، ސ. ފޭދޫ. ޏ. ފުވައްމުލައް، ކ. ގުރައިދޫ، ކ. ހިންމަފުށި ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އެ ރަށްތަކުން މުޅި ޖުމްލަ 103 ގެއެއްގެ އެސެސްމަންޓް ހަދާ ނިމިފައިވާ ކަމަށެވެ.

ކާރިސާތަކުގައި އިންސާނީ އެހީދިނުމަށް އަމަލު ކުރާ މިންގަނޑުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވުނީ ޖުމްލަ 90 ގެއަށްކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1،641،654 ރުފިޔާ ގެއްލުން ލިބުނު ކަމަށެވެ.

ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުނު 90 ގެ ހިމެނޭއިރު އިމާރާތަށް އެކި ވަރުގެ ގެއްލުން ލިބުނު 21 ގެ ހިމެނޭ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ އެސެސްމެންޓް ހެދުނު ގެތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 474،349 ރުފިޔާ ފޮރުކޮށްދެވޭނެ ކަމަށެވެ. އެއީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ޖުމްލަ ގެއްލުމުގެ 20 ޕަސެންޓްއަށް ވާ 291،824 ރުފިޔާއާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް ޖުމްލަ 182،525 ރުފިޔާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.