ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ރާއްޖެއިން އިންޑިއާ އަށް ދިން ޑެޑްލައިން [މާޗް 15، 2024] ގެ ނިޔަލަށް އެކަން ކުރެވިދާނެ ކަމުގެ ގެރެންޓީއެއް ނުދެވޭނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މަހާރާޝްތްރައިގެ ނާގުޕޫރުގެ ޓައުންހޯލްގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، "ކޮންމެ ގައުމަކަށް، ކޮންމެ ދުވަހަކު، އެހެންމީހުން އަހަރެމެނަށް [އިންޑިއާއަށް] ސަޕޯޓު ކުރާނެ ކަމަށް ނުވަތަ އިންޑިއާއިން އެމީހުނަށް [އެހެން ގައުމުތަކަށް] ސަޕޯޓު ކުރާނެ ކަމުގެ ގެރެންޓީއެއް ނުދެއްވޭނެ ކަމަށެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ނުތަނަވަސްވެފައި ވާ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ޝަންކަރު އެވާހަކަތައް ދައްކަވަމުން އިތުރަށް ވިދާޅުވީ، 'ޕޮލިޓިކްސް އިޒް ޕޮލިޓިކްސް' ކަމަށެވެ.
އިތުރަށް އެނާ ވިދާޅުވީ، އިންޑިއާ އިން އެހެން ގައުމުތަކުގައި ވެސް ތަރައްގީގެ މަޝްރުއުތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ކަރަންޓާއި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ތެޔޮ ފޯރުކޮށް ދިނުމާއި އިންވެސްޓްމަންޓުތައް ކުރުމާއި ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދައި ދިނުން ފަދަ ކިތަންމެ ކަމެއް ކޮށްދޭ ކަމަށެވެ. އަދި އެ ގައުމުތަކަކީ އިންޑިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަންވެސް ދާ ގައުމުތައް ކަމަށް ވިދާޅުވެ އޭނާ ވަނީ "ދޭދެ ގުޅުން ގާއިމުވެ ދެމެހެއްޓެމުން ދަނީ މިފަދަ ކަންކަމުގެ މައްޗަށް" ކަމަށް ވިދާޅުވެފައެވެ.
އަދި ބައެއް ފަހަރު ބައެއް ކަންކަން އެންމެ ރަނގަޅަށް ނުދާ ކަމަށާއި އެފަދަ ހާލަތްތަކުގައި ކަންކަން ހަމަ މަގަށް އަޅުވަން މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަށް މިފަހުން އަސަރު ކުރި އެއް ކަމަކީ އިންޑިއާގެ ކޮންޓްރޯލް އޮންނަ ލަކްޝަދީޕާއި ރާއްޖެ އަޅާ ކިޔާ ސޯޝަލް މީޑިއާގައި ދެގައުމުގެ އެކްޓިވިސްޓުން ފެށި ޒުވާބާއި ރައްދު ދިނުމުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ރާއްޖޭގެ ސަރުކާރުގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުންގެ 3 ބޭފުޅަކު ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ. ނަމަވެސް އޭގެ ބޭރުން އިންޑިއާއިން ރާއްޖެއަށް ބްލީ ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުސީދާކޮށް ވިދާޅުވުމުން މަޝްރަހު އިތުރަށް ވަނީނުތަނަވަސްވެފައެވެ. ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، "ރާއްޖެ ކިތަންމެ ކުޑަޔަށް ބްލީ ކުރުމުގެ ލައިސަންސް ކަލޭމެނަށް [އިންޑިއާ] އަށް ވިޔަސް ނޯންނާނެ" ކަމަށެވެ. އިންޑިއާގެ ނަން ވިދާޅު ނުވި ނަމަވެސް ރައީސް އިޝާރާތް ކުރެއްވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ތަކުރާރު ކޮށް [4 ފަހަރެއްގެ މަތިން] އެދިފައި ވާ އިރުވެސް އެކަމުގައި އިންޑިއާއިން އެދެވޭ އިޖާބައެއް ދީފައި ނުވާތީ އެކަމަށެވެ.
ރައީސް އެހެން ވިދާޅުވުމާއެކު ޖެހިގެން އައި ދުވަހު އިންޑިއާގެ ހައިލެވެލް ޓީމެއް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ވަނީ ފަށާފައެވެ.