އިންޑިއާގެ ސަފީރު މޫނޫ މަހާވަރާއި އެ ގައުމުގެ ވަފުދަކާ އެކު، ފޮރިން މިނިސްޓްރީން މަޝްވަރާ ބަައްދަލުވުންތައް ފަށައިފިއެވެ.

ސަފީރުގެ އިތުރުން، ފޮރިން މިނިސްޓްރީ އަށް ވަޑައިގެންނެވި އިންޑިއާގެ ވަފުދުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ދިިފާއީ ވުޒާރާގެ މަންދޫބުންނާއި، ކަނޑުގެ ކަންކަމަށް ހާއްސަ ޖޮއިންޓް ސެކްރެޓަރީ ޕުނީތު އަގަރުވާލް ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި، ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖް ޑރ. އަލީ ނަސީރާއި، ދިވެހި ސަފީރު އިބްރާހީމް ޝަހީބެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައިވާ ގޮތުން، އިންޑިއާގެ ވަފުދާއި ދިވެހި ސަރުކާރުގެ އިސްވެރިންނާ އެކު ބައްދަލުވުންތައް ކުރިއަށް އެބަ ދެއެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ވެސް މީޑިއާތަކުގައި ވެއެވެ.

އެކަމަކު މި ނޫހުން ގުޅައި މެސެޖުކުރުމުން ވެސް ފޮރިން މިނިސްޓްރީން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ސަރުކާރުން އިންޑިއާގެ އިސް ބޭފުޅުންގެ ވަފުދަކާ އެކީ ބައްދަލުވުމެއް މިއަދު ބާއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އަށް މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ އަނބުރާ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ އަށް ނުސީދާކޮށް ބަހުގެ ހަމަލަތައް ދެއްވާފައި ވަނިކޮށެވެ.