އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި 8 ސްކޫލް އަޅަން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ހުޅުމާލޭގައި ބޮޑު 2 ސްކޫލެއް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތައުލީމީ ދައީރާއަށް އުމްރާނީ ތަރައްގީގެ ގިނަ މަޝޜުއުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި އަލަށް 8 ސްކޫލެއް އިމާރާތްކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި 8 ސްކޫލްގެ ތެރެއިން 2 ސްކޫލެއް އިިމާރާތް ކުރަން ނިންމާފައި ވަނީ ހުޅޫމާލޭގައި ކަމަށާއި އެއީ ބޮޑު ދެ ސްކޫލެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ތައުލީ ދާއިރާއިން އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި އިތުރު ކްލާސްރޫމްތައް ބިނާ ކުރަމުން އަންނަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު 3740 ކްލާސް ރޫމް ހުރި އިރު، އިތުރަށް 531 ކްލާސް ރުމް ބިނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ މިހާރު ހިންގަމުންދާ ސްކޫލްތަކަށް އިތުރު ކުރާނެ ކްލާސް ރޫމްތަކާއި އަލަށް އިމާރާތް ކުރާ ސްކޫލްތަކުގައި ހިމެނޭނެ ކްލާސްތައް ވެސް ހިމެނޭ ގޮތަށް 531 ކްލާސް ރޫމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު މަލްޓިޕާޕަސް ހޯލް ބިނާ ކުރުމުގެ 44 މަޝްރޫއު އާއި، 19 ސައިންސް ލެބް އެޅުމުގެ މަސައްކަތާއި، 10 ރަށެއްގައި ލައިބްރެރީ އެޅުމާއި، 6 ރަށެއްގައި ކޮމްޕިއުޓާ ލެބް ގާއިމް ކުރުމާއި 24 ރަށެއްގައި ސްޓަފް ރޫމް ބިނާ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާގެ އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގެ 100 އަހަރު ފުރުމުގެ ކައުންޓްޑައުން ފެށުނު ރޭ އެ ސްކޫލްގައި އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އެގޮތުން މިއަހަރު އެ ސްކޫލްގެ އަހަރީ ދުވަހު އެ މަޝްރޫ ފެށުމަށް އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަން ރައީސް ހާމަކުރެއްވިއެވެ. އަދި މާލޭގައި އިތުރު އޭލެވެލް ސްކޫލެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި ގާއިމް ކުރާ އަރަބިއްޔާ ސްކޫލްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް އެ ސްކޫލްގެ މަސައްކަތް ނިމޭނެ ކަމަށާއި މިހާރު އެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކުރާ އާ ސްކޫލް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.