އިންޑިއާ އާ އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަނުކުރެވި އޮތީ އެއް ގައުމުގެ ހުއްދަނެތި ހާމަނުކުރެވޭނެ ފަދަ މައުލޫމާތު ހުރުމުން ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެއްބަސްވުންތައް އާންމުނުކުރާ ސަބަބާ ގުޅޭގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، އެއްބަސްވުންތައް ހާމަނުކުރެވެނީ ދިވެހި ދައުލަތާއި އިންޑިއާ އާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި 'ކޮންފިޑެންޝަލިޓީ ކްލޯޒް'ތަކެއް ހުރުމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެ މިނިވަންވުމަށް ފަހު އިންޑިއާ އާ އެކު ހަދާފައިވާ 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ޒިންމާވާން ޖެހެނީ ހަތަރު އެއްބަސްވުމަކަށް ކަމަށާއި، ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށާއި ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށް އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.
ހަމަ އެހެންމެ އެއްބަސްވުންތަކާ ގުޅޭގޮތުން ދެވެން ހުރި މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާ ހިއްސާކުރައްވާނެ ކަމުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވިއެވެ.
މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، އެއްބަސްވުންތައް ހާމަކުރުމުގައި 'ކޮންފިޑެންޝަލިޓީ ކްލޯޒް' އޮންނާތީ އެއްބަސްވުންތައް ހާމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވެމުން ދާ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ވަނީ އޭރު އިދިކޮޅުގައި އޮތް އިރު ކުރީ ސަރުކާރުން އިންޑިއާ އާ އެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ޑޯނިއާ އާއި ހެލިކޮޕްޓަރުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި އަޑު އުފުލައިފައެވެ.