ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބުލީ ކުރަން [އިންޑިއާއިން] ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންޑިއާ އަށް ނުސީދާކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއްވެސް އަމާޒު ކުރައްވާފައެވެ.
އިންޑިއާއިން އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް ވިދާޅުވީ، ރާއްޖެއަކީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށާއި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. އަދި އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި އެ ކަނޑުގައި ރާއްޖޭގެ ހިއްސާ ބޮޑުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް އެކްސްކްލޫސިވް އިކޮނަމިކް ޒޯން ވަރަށް ބޮޑު، ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ،" ރައީސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ނުސީދާ ގޮތެއްގައި އިންޑިއާއަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ނިމުނު ސަރުކާރުގައި 'އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީނދެވެނީ' ވަކި ގައުމެއްގެ ރުހުން ހޯދައިގެން ކަމަށާއި ނަމަވެސް ދިވެހިން މިހާރު އެގޮތް ބޭނުން ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާ ހިލާފަށް ރާއްޖެ އާއި ޗައިނާ ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 'ނޯ އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް' ކަމަށާއި އެގޮތުން، ރާއްޖޭގެ ދާހިލީ އެއްވެސް ކަމަކަށް ޗައިނާއިން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އެއްވެސް ގައުމަކުން ބުލީ ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ކޮވިޑަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ. ނަމަވެސް މިހާރު އެގައުމުގެ އާންމުން ދަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ. މި ދަނޑިވަޅުގައި ރައީސް ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.