ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ޝަރަފު ރާއްޖެއިން ދަމަހައްޓައިފިއެވެ.

ވިސާއާ ނުލައި އެތެރެވެވޭނެ ގައުމުތަކުގެ އަދަދަށް ބަލާ ޕާސްޕޯޓްގެ ވަރުގަދަކަން ދެނެގަންނަ ހެންލީ ޕާސްޕޯޓް ރޭންކިން އިން އާންމު ކުރި ރިޕޯޓުން ބައިނަލްއަގްވާމީ ލިސްޓުގައި ރާއްޖެ އޮތީ 58 ވަނައިގައެވެ.

އޭޝިއާ ސަރަހައްދަކީ ވާދަވެރިކަން ބޮޑު ސަރަހައްދަކަށްވާއިރު އާބާދީ ބޮޑު އިންޑިއާވެސް އޮތީ ރާއްޖެ އަށްވުރެ ފަހަތުގަ އެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ލިސްޓުގައި އިންޑިއާ އޮތީ 80 ވަނައިގައެވެ. އިންޑިއާ ރައްޔިތުންނަށް ވިސާ ނުނަގާ 62 ގައުމަކަށް ދަތުރު ކުރެވޭއިރު، ދިވެހި ޕާސްޕޯޓުން ވިސާއާ ނުލާ 94 ގައުމަކަށް ދަތުރު ކުރެވެއެވެ.

ދެން އެ ލިސްޓުގައި ފާހަގަކޮށްލެވޭ އަނެއް ވާދަވެރިއަކީ ބޫޓާނެވެ. ދުނިޔޭގެ ރޭންކިންގެ 87 ވަނައިގައި އޮތް ބޫޓާންގެ ޕާސްޕޯޓުން 55 ގައުމަކަށް ވިސާ އާ ނުލާ ދަތުރުކުރެވެއެވެ. މި އިންޑެކްސްގެ އެންމެ ކުރީގައި އޮތީ ހަ ގައުމެކެވެ. އެއީ ފްރާންސް، ޖަރުމަނު، އިޓަލީ، ސިންގަޕޫރު، ޖަޕާން އަދި ސްޕެއިންއެވެ. މި ގައުމުތަކުން ޕާސްޕޯޓާއި ނުލާ 194 ގައުމަކަށް ދަތުރު ކުރެވެއެވެ.

ހުސްވި އަހަރު ރާއްޖެ އޮތީ ވިސާއާ ނުލާ ދަތުރުކުރެވޭ 89 ގައުމާއެކު ބައިނަލްއަގްވާމީ ރޭންކިންގެ 61 ވަނައިގައެވެ. މިފަދަ ރޭންކިންތަކުގެ މުހިންމުކަން ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަ ތަކުގެ އިތުރުން ޒަމާނުއްސުރެ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދެމުން އަންނަ ޑިޕްލޮމެޓިކް ގުޅުންތަކާއި އެއްބަސްވުންތައް ދައްކުވައިދެއެވެ.

ދެކުނު އޭޝިއާގެ ރޭންކިންގެ އެއް ވަނައަށް އަރާ ދުނިޔޭގެ ފެންވަރުގައި 58 ވަނަ ހޯދުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ކުރިއަރަމުން އަންނަ މިންވަރު ހާމަކޮށްދެއެވެ.