ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވި ނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދޭން މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، މި ހިނގާ ނޮވެންބަރު 11 އަދި 12 ވަނަ ދުވަހުވެސް ރައްޔިތުންނަށް ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވެރިރަށް މާލޭގެ މައި އޮފީހުން ހެނދުނު ނުވައަކުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ނަންބަރު ދޫކުރަމުން ގެންދާނެއެވެ.
މީގެއިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޮފީސްތަކުން ހެނދުނު 8:30 އިން ހަވީރު 4:00 އަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ދެކުނުން އައްޑޫ ސިޓީގެ އޮފީހުން ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި، އަދި ސިއްހީ ކުއްލި ހާލަތްތަކުގައި ހޮޓްލައިން 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.
