ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމުން 6 މަސް ދުވަސް އުނިކުރުމަކީ އެ ދަރިވަރުންނަށް އިންތިހާއަށް ގެއްލުން ވާނެ ކަމެއް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން މިފަދައިން ބުނެފައި ވަނީ 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާގޮތަށް ގެންނަ ބަދަލާމެދު އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްޑީޕީއިން ބުނީ ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއ މުދައްރިސުން އަދި އާންމު ފަރާތްތަކުން އެ ޕާޓީއަށް ކަންބޮޑުވުންތައް ހުށަހަޅަމުންދާ ކަމަށެވެ.

މިހާރު ގްރޭޑް 8ގައި ކިޔަވާ ކުދިންގެ ކިޔެވުމަށް އަންނާނެ ކަމަށް އެމްޑީޕީއިން ފާހަގަކޮށްފައިވާ ބަދަލުތައް:

  • އެ ދަރިވަރުން ގްރޭޑް 8 އެއްގައި ކިޔަވާނީ 33 ހަފްތާ ( ކުރީގައި އޮތްގޮތުންނަމަ އެކުދިން ގްރޭޑް 8 އެއްގައި ކިޔަވާނީ 41 ހަފްތާ)
  • އެ ދަރިވަރުން ގްރޭޑް 9 އެއްގައި ކިޔަވާނީ 35 ހަފްތާ ( ކުރީގައި އޮތްގޮތުންނަމަ އެކުދިން ގްރޭޑް 9 އެއްގައި 41 އަށްވުރެ ގިނަ ހަފްތާ ކިޔަވާނެ)
  • އެ ދަރިވަރުން ގްރޭޑް 10 އެއްގައި ކިޔަވާނީ ގާތްގަނޑަކަށް 26 ހަފްތާ ( އެއީ އިމްތިހާން އާންމުކޮށް ފަށާ އޮކްޓޯބަރު މަހާއި ރޯދަމަހުގެ ފަހު 10 އެއްގެ 2 ހަފްތާއާއި މިޑް ޓާމް ބަންދުގެ 2 ހަފްތާ އުނިކުރުމަށްފަހު)

މީގެ އިތުރުން 2 އީދު ބަންދާއި އެހެނިހެން ރަސްމީ ބަންދުތައް އިތުރުކުރުމުން ޖުމްލަގޮތެއްގައި އެ ދަރިވަރުންގެ ކަރިކިއުލަމް ޓައިމްއިން 6 މަސް ދުވަސް އުނިވާނެކަން ފާހަގަކޮށް އެމްޑީޕީއިން ބުނީ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ 6 މަސްދުވަހުގެ ކިޔެވުން ގެއްލުވާލުން އެއީ އެ ދަރިވަރުންނަށް އިންތިހާއަށް ގެއްލުންވާނެކަމެއް ކަމަށެވެ.

ގްރޭޑް 8 އަކީ ދަރިވަރުންނަށް ސައިންސް، ބިޒްނަސް އަދި އާޓްސް ސްޓްރީމްގެ ބައިތައް ކިޔަވައިދޭ ގްރޭޑްކަމަށް ވާއިރު އެއީ ދަރިވަރުންނަށް ކުރިއަށްދާން ބޭނުންވާ ދާއިރާ ދެނެގަތުމުގެ އިތުރުން ސްޓްރީމް އިހްތިޔާރު ކުރުމަށް ކޮންމެހެން ބޭނުންތެރި ކިޔެވުމެއް ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ. އަދި ކޮންމެ ސްޓްރީމެއް އިހްތިޔާރު ކުރާ ކުއްޖާކަށް ވެސް ދިރިއުޅުމުގައި އެހެން ސްޓްރީމްތަކުން ކިޔަވައިދޭ މައުލޫމާތާއި ހުނަރު އެގެން ޖެހޭތީ ގްރޭޑް 8 ގެ ކިޔެވުން ފުރިހަމަކުރުން ކޮންމެހެން މުހިންމު ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އެމްޑީޕީއިން ބުނީ ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް ލިޓްރަސީ، ނިއުމަރަސީ ހުނަރުތަކާއި ކިޔެވުމަށް ބޭނުންވާ ތަފާތު ގިނަ ހުނަރުތަކަކީ ސިލަބަސް ކުރުގަޅުވައިލައިގެން ހާސިލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމަކީ މީގެ ގެއްލުން ދަރިވަރުންގެ މުޅި އުމުރަށް ކުރާނެ ކަންކަމަށާއި އެ އުމުރުފުރާއަކީ ހުނަރުތައް ދަސްކުރުމަށް ފަސޭހަ އުމުރުފުރާއެއްކަން އެ ޕާޓީއިން ފާހަގަ ކުރެއެވެ. ހަމައެއާއެކު ކިޔެވުމުގެ ދަތިކަން ހުންނަ ދަރިވަރުންނަށް މި ބަދަލުގެ ސަބަބުން ފޫ ނުބެއްދޭނެ ގެއްލުންތައް ލިބޭނެކަން އެމްޑީޕީއިން ފާހަގަ ކުރެއެވެ.

ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ގިނަވާނެ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުންކަން ފާހަގަކޮށް އެ ޕާޓީއިން ބުނީ ގިނަވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯކް ހަދަން އުޅެން ޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް ދަރިވަރުންނަށް ދިމާވާނެ ކަމަށެވެ.

އެމްޑީޕީއިން އިތުރަށް ބުނީ އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ވިދާޅުވެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި 95،000 އެއްހާ ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީއިން ފާހަގަ ކުރި ކަންބޮޑުވުންތަކަށް ރިޔާއަތްކޮށް ދަރިވަރުންގެ ޖުމްލަ ތަރައްގީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.