ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ލަސްވާތީ ޕީއެންއެފް އަދި އެމަނިކުފާނުގެ ވަކީލުން ހައިކޯޓަށް ވަޑައިގެންފިއެވެ.
ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މައްސަލައިގެ އަޑު އެހުން ވަރަށް ބޮޑަށް ލަސްވެފައިވުމުގެ ސަބަބުން ރައީސް ޔާމީންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މިއަދު ހައިކޯޓުން ލިބުނު ޖަވާބަކީ އިންތިހާއަށް ކަންބޮޑުވާ ޖަވާބެއްކަން ފާހަގަ ކުރައްވާ މަލީހު ވިދާޅުވީ މައްސަލަ މިހާރު އޮތް ހިސާބުން އިތުރަށް ލަސްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަދި ކޯޓުތަކުގެ ގާނޫނުން ތަންދޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލް ކުރެވޭނެ ދުވަހެއް ކޯޓަށް ނޭނގޭ ކަމަށް ބުނި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ އަވަސް ކުރުމަށް އަޅާނެ ފިޔަވަޅުގެ ތަފްސީލެއް ލިބިލައްވާފައި ނުވާ ކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ ގާނޫނީ ޓީމުން މަޝްވަރާ ކުރުމަށްފަހު މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުން ލަސްވާނަމަ އަދިވެސް ހައިކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.
ހައިކޯޓުން ސާފު ކުރަން ބޭނުން އިތުރު ކަމެއް ނެތް ނަމަ ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.