ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.
މާދަމާ ރޭ ޣިޔާސުއްދީން ސްކޫލްގައި މި ޖަލްސާ ބާއްވަން ހަމަޖައްސާފައި ވާއިރު، އެންމެ ފުރަތަމަ މި ޖަލްސާ ބާއްވަން ތާވަލު ކުރީ ވެސް އެ ތާރީހަށް އެ ސްކޫލްގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި، ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބާއްވާނެ އާ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް ޕާޓީގެ މައުލޫމާތު ހިއްސާ ކުރައްވާ މެމްބަރު އަދި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.
މިއަދު މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީހީ ޖަލްސާ މާދަމާ ރޭގެ 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާކަމަށް މަލީހް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ދީފައި ނުވާކަމަށް ކުރިން މައުލޫމާތު ލިބިފައި ވީ ނަމަވެސް މަލީހު ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 28 ވަނަ ދުވަހުގެރޭ ރަށު ބަންދަށް ޔާމީން ބަދަލުކުރިއެވެ. އެހެންވިޔަސް ވެސް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ނުދެއެވެ.
އެކަމަކު މިހާރު ވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ޔާމީން، އެ ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.