މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓުލައްވަން ޖެހެނީ ހިތްއެދޭ ފަރާތްތަކަކަށް ނޫން ކަމަށް އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ވޯޓުލައްވާ ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ އެދުމަކީ ވީހާ ގިނަ ބަޔަކު ވަޑައިގެން ވީހާ އަވަހަަކަށް ވޯޓުލެއްވުން ކަމަށާއި ޑިމޮކްރެޓިކް މުޖުތަމައެއްގައި އެންމެ މުހިއްމު ކަމަކީ އެ މީހަކު ބާރު ނުވަތަ އެ މީހަކު ނިންމުން ވޯޓު ކަރުދާސްކޮޅުގައި ދައްކައިދިނުން ކަމަށެވެ.
މަލީހު ވިދާޅުވީ ހިތާމަ ކުރާ ދެތިން ކަމެއް އެބައޮތް ކަމަށާއި އެއް ކަމަކީ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ފަރާތުން ވެސް މި އިންތިހާބުގައި ވާދަކުރައްވަން ބޭނުން ނަމަވެސް އެކި އެކި ދަތިތަކުގެ ސަބަބުން ޕާޓީގެ ނަމާއި ލޯގޯގައި ކެންޑިޑޭޓުންނަށް ބައިވެރިނުވެވުނު ކަމަށެވެ. އަދި އިންތިހާބުގެ އެންމެ ފަހު ދުވަހާ ޖެހުނުއިރުވެސް ރައީސް ޔާމީން ޖަލުގައި އޮންނަން ޖެހުމުން ޕާޓީގެ ފަރާތުން ތާއީދު ހޯދަން ކުރަން ބޭނުންވި މަސައްކަތްނުކުރެވުނު ކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހު ވަނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ ކަންކަން ކުރިއަށް ގެންދިއުމަށް ހުޅުވާލެވިފައި އޮތް އޮތުން ބަންދުކޮށްގެން ޕާޓީތަކުން އުފައްދާ ފަރާތްތަކަށް ޕެޕާ ސްޕްރޭ ޖެހުމާއި އަނިޔާ ކުރުމާއި ހޯލްތަކަށް ކަރަންޓް ނުދިނުން ފާހަގަކޮށްފައެވެ. އަދި ރައީސް ޔާމީން ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ނިންމެވި ފްލައިޓް ޑިލޭވުމާއި ކަންކަމަކީ އިއްތިފާގެއް ގޮތުގައި ބެލެވޭކަށް ނެތް ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މިއީ ޕީޕީއެމް ނޫނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އަހުލުވެރިން އެހެންނަމަވެސް ޕީޕީއެމްގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު މި އިަންތިހާބަށް ވާދައެއް ނުކުރާ ކަމަށާއި ވެހި ރައްޔިތުން ބޭނުންވާ ގިނަ ކެންޑިޑޭޓުންތަކެއް މި އިންތިހާބުގައި ފެނިގެން ނުދާ ކަމަށެވެ.
ޕީއެންއެފްއަށް ކިތައް ދާއިރާގެ ގޮނޑި ލިބޭނެ ކަމަށް އުންމީދުކުރައްވަންތޯ "ދަ ޕްރެސް" އިން ކުރެއްވި ސުވާލަށް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ.
އެ ސުވާލާ ގުޅިގެން މަލީހު ވިދާޅުވީ މި އިންތިހާބުގައި އުންމީދުކުރަނީ ރައްޔިތުންގެ ބަސް އިވިގެންދިއުން ކަމަށާއި ޕީއެންއެފްގެ ލޯގާއާއި ނަމުގައި ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ދީފައި ނުވާ ކަމަށާއި ވޯޓުލުމަށް ބާރު އެޅުމަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.