ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި ބަންގި އާއި ގަމަތުގެ އަޑު ބޭރަށް ހުރުން ރަނގަޅު ކަމަށާއި ނަމަވެސް، ނަމާދުކުރާ އަޑު ރަނގަޅީ މިސްކިތުގެ އެތެރެއަށް ހުންނަ ގޮތަށް ބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާ ދެމެދު ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ ޑރ. ޝަހީމް މާފަށް އެދިވަޑައިގަންނަވަން ޖެހިވަަޑައިގަންނަވާ ކަމަށާއި ކުރިން ނަމާދު ކުރާއިރު ގުރުއާނުގެ އަޑު އިވޭ ތާޅަފިލިތަކުން މިހާރު އެ އަޑު ކަނޑާލާފައި ވާކަމަށެވެ. މީގެއިތުރުން ސަލާހުއްދީން މިސްކިތުގައި މިއަދު ހުކުރު ނަމާދު ކުރި އިރުވެސް ހުތުބާގެ އަޑު މިސްކިތުން ބޭރަށް ނީވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ ޑރ. ޝަހީމް އެކްސްގައި ވަނީ މަލީހުގެ މުޅި އުމުރު ހޭދަކުރައްވަނީ ފިތުނަ ފަސާދަ އުފައްދަވާ ދޮގު ފެތުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި މަލީހު މި ސަރުކާރަށް ހަސަދަވެރިވެގެން އުޅުއްވަނީ 20 އަހަރުގެ ތެރޭ އޭނާ އާ ނުލައި އުފެދުނު ސަރުކާރަކަށް މި ސަރުކާރު ވުމުން ކަމަށްވެސް ވިދާޅުވެފައެވެ.

އެ ޒުވާބެއްގެ ތެރޭގައި މަލީހު ވަނީ އޭނާގެ އެކްސްގައި ބޮނަކުއާ ފެންފުޅިއެއް ޕޯސްޓް ކޮށް ޝަހީމަށް ފުރައްސާރަ ކުރައްވާފައެވެ. އެ ފެންފުޅި އޭނާ ޕޯސްޓް ކުރެއްވީ މީގެ ކުރިން ޝަހީމް އާ ގުޅުވާ ކިޔަމުން އަންނަ 'ބޮނަކުއާ ޝަހީމް' އަށް ނިސްބަތް ކޮށް ފުރައްސާރައެއްގެ ގޮތުގައި ކަމަށް ޝަހީމު ވަނީ ސިފަ ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ، "ރޯދަ އަށް ހުރެ ތިބާވަތުގެ ފުރައްސާރަ ކުރުމުން ދޭހަވަނީ ތި އުޅެނީ މިސްކިތްތަކުގެ މައްސަލައެއް ނޫންކަން، އަދާވާތްތެރިވަނީ ސަރުކާރާކަން، އެއީ ހަސަދަވެރިކަމުން ކަން" މިހެންނެވެ.

މަލީހުގެ ޕޯސްޓާއި ޝަހީމުގެ ރައްދު ސްކްރީންޝޮޓެއް

ނަމާދުކުރާ އަޑު ރަނގަޅީ މިސްކިތުގެ އެތެރެއަށް ހުންނަ ގޮތަށް ބެހެއްޓުން ކަމަށް ޝަހީމް ވިދާޅުވީ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. "މިގޭދޮށު ގޭގޭގެ މީހުނަށް އިޝާ ނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމަ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލު. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅު" އެކްސްގައި އިބްރާހިމް އިސްމާއީލް ވަނީ މިނިސްޓަރު ޓެގްކުރައްވާ މިހެން ވިދާޅުވެފައެވެ.

މި ޕޯސްޓާ ގުޅިގެން ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައި، ތަރާވީހު ނަމާދާ އަދި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅު ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތި ނުވާނެހެން ގެންދިއުން ރަނގަޅުކަމަށް ޝަހީމް ވިދާޅުވިއެވެ.