އިންޑިއާގެ އިހުތިސޯށްގެ ތެރޭގައި އޮންނަ 36 ރަށް ހިމެނޭ ލަކްޝަދީޕަށް މޯދީ ވަޑައިގެން ނެންގެވި ވީޑިއޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްލިއެވެ. އެއީ ޖެނުއަރީ 4 ވަނަ ދުވަހެވެ. މޯދީ އެވީޑިއޯ ދޫކޮށްލެއްވީ މިމަހުގެ 3 ވަނަ ދުވަހު ލަކްޝަދީޕްގެ ކަވަރައްޓީ އައިލޭންޑްސް އަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތަކެއް އިއުލާން ކުރެއްވުމަށް ވަޑައިގެން އުޅުއްވަމުންނެވެ.
ޖުމްލަ 1156 ކްރޯޑް ރުޕީސްގެ ޕްރޮޖެކްޓް މޯދީ އިއުލާން ކުރެއްވިއެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ފަތުރުވެރިކަމާއި އުމްރާނީ ވަސީލަތްތަކާއި ލަކްޝަދީޕްގެ ގުދުރަތީ މުއްސަނދިކަން ތަރައްގީ ކުރުން ހިމެނެއެވެ. މީގެ އިތުރުން އެތާނގެ ކަޑަމަތު އަދި ސުހޭލީގައި މިހާރުވެސް ކުރިއަށް ދާ ވޯޓާ ވިލާ މަޝްރޫއު އިތުރަށް ތަރައްގީ ކުރުމާއެކު އެ ސަރަހައްދަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެއްދެވުން ހިމެނެއެވެ.
މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ޖީ20 ގައުމުގެތަކުގެ ވެރިންގެ ފެންވަރުގެ ބައެއް ބައްދަލުވުންތައް ވެސް ލަކްޝަދީޕްގައި ބާއްވާ, އެތަން ދުނިޔެއަށް ދެއްކެވުމުގެ މަސައްކަތް މޯދީ ކުރެއްވިއެވެ.
އޭރު މޯދީ ވިދާޅުވެފައި ވަނީ, އޭނާގެ ވިސްނުންފުޅަކީ, އިންޑިއާއިން ބޭރުގެ ގޮނޑުދޮށްތަކަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން ފުރަތަމަ ލަކްޝަދީޕް ބަލާލުމަށް ހިތްވަރު ދެއްވުން ކަމަށެވެ. އެއާއެކު ސީފްޑާއި ސީވީޑް [މޫދުވިނަ] ގެ ވިޔަފާރި ފުޅާ ކުރައްވާނެ ވާހަކަވެސް ވިދާޅުވިއެވެ.
އަދި ސަބްމެރިން ކޭބަލަކުން ކޮޗީއާއި ލަކްޝަދީޕް ގުޅާލުމާއި ސޯލާ ޕަވާ ޕްރޮޖެކްޓުތަކާއި ޑިސެލިނޭޝަން ޕްލާންޓްތައް ގާއިމު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަ އެ ދަތުރުގައި އިންޑިއާގެ ރިޒާވް ސިފައިންނަށް ހާއްސަ ކޮށްގެން ހެދި 80 ކޮޓަރީގެ ބެރެކްސް އެއްވެސް މޯދީ ވަނީ ކަރަވައްޓީގައި ހުޅުވައިދެއްވާފައެވެ.
މީގެ އިތުރުން ކަލްޕެނީގައި ޕްރައިމަރީ ހެލްތުކެއާ ގާއިމުކުރުމަށް އިމާރާތެއްގެ ބިންގާ އެޅުއްވުމާއި ލަކްޝަދީޕްގައި އުޅޭ 64,000 އެއްހާ މީހުން ހިންދީ ބަހަށް ފަރިތަ ކުރުވުމަށް އަންދްރޮތް, ޗެޓްލަތް, ކެދަމަތް, އަގައްޓީ އަދި މިނިކޯއީގައި މަރުކަޒުތަކެއް އެޅުއްވުމުގެ ޕްރޮޖެކްޓުވެސް ލޯންޗް ކުރެއްވިއެވެ.
އޭގެ ފަހުން އެތާނގެ ތްރިޝޫރަށް ވަޑައިގެން ރޯޑްޝޯއެއްވެސް މޯދީ ވަނީ ބާއްވަވާފައެވެ.
ރާއްޖެއަށް ލަކްޝަދީޕްގެ ހިޔަނި އެޅުނު ގޮތް
މޯދީ އާންމު ކުރެއްވި ވީޑިއޯ އަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ފަދަ ސިފަތަކެއް ލިބިފައިވާ ލަކްޝަދީޕްގެ ގޮނޑުދޮށްތަކުގެ ވީޑިއޯއެއް ކަމަށް ވުމާއެކު ދިވެހި އިންފްލުއެންސަރުންނަށް އެ ފެނި, ވާނުވާއެއް ނުބަލައި އަޅާކިޔަން ފެށީ ރާއްޖެއާއެވެ. އަދި އެއީ ސީދާ ރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސާލުމަށް މޯދީ އިސްވެ ހުންނަވާ ފެއްޓެވި ކެމްޕެއިނެއް ކަމަށް ބުންޏެވެ. އިސާހިތަކު ދިވެހި ސޯޝަލް މީޑިއާގައި އިމުން ބޭރުވެ ސީދާ މޯދީއަށް އަމާޒުކޮށް ބޭއަދަބީ ބަސްތައް ބޭނުން ކޮށް ކުޑައިމީސް ކުރަން ފެށުމުގެ ނަތީޖާއަކަށް ވީ, ބިލިއަން އާބާދީގެ އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުންގެ ލޮލުގައި އެ ޕޯސްޓްތައް އަލައިގަނެ ޒާތީވުމެވެ.
ބޮޑުވަޒީރު މޯދީ އަކީ "ކްލައުން" އެއް ކަމަށާއި, 'އިޒްރޭލުގެ ޕަޕެޓެއް" ކަމަށް ބުނެ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު ބޭނުން ކޮށްފައި ހުރި ބަސްތަކަކީ އިތުރު ތަރުޖަމާއަކަށް ބޭނުން ނުވި ރުޅިވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ. ސޯޝަލްމީޑިއާގެ ދާއިރާއިން ނެއްޓި އިންޑިއާގެ ޕާލަމެންޓުން, އިންޑިއާގެ މެއިން ސްޓްރީމް މީޑިއާތަކުން ގޮސް ބައިނަލްއަގުވާމީ މީޑިއާތަކުގެ ހެޑްލައިންތަކަށް އެރިއެވެ. އަދި އެއަށް ވުރެ ފެޔަށް ގޮސް, އިންޑިއާގެ ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އެގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރު ކުރައްވައި ސުވާލުވެސް ކުރީއެވެ. އެކަމުގައި [މިނިސްޓަރުން] ކުޅުނު ދައުރުގެ ސަބަބުން, ރާއްޖޭގެ ސްޓޭންޑަކީ އެއީ ނޫންކަމަށް ބުނަން ޖެހުމާއި އެފަދަ ޕޯސްޓްތައް ކުރި 3 މިނިސްޓަރުން ސަސްޕެންޑްވެސް ކުރަން މަޖުބޫރު ވީއެވެ.
ރާއްޖޭގެ އިންފްލުއެންސަރުންގެ ތެރެއިން ބައެއް މީހުން އެކަމުގައި ވަގުތުގެ ފައިދާ ނަގައި, އިންޑިއާގެ އެކިއެކި މީޑިއާތަކަށް ބަސްދީގަތުން ދީ, އެކަމުގައި ދިވެހި ސަރުކާރު ކުށްވެރި ކޮށް, އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ބުނީއެވެ.
ސިޔާސަ ކުރި ސިޔާސީ ވާހަކައިން ނުކުތީ ކޮން ނަތީޖާއެއް؟
މޯދީ ލަކްޝަދީޕަށް ވަޑައިގަތުން ސިޔާސަ ކުރި ބަޔަކު އެކަން ކުރީ ސީދާ މިހާރުގެ ސަރުކާރަށް ޖެއްސުން ކުރަން ނުވަތަ ސަރުކާރުގެ އަގުވައްޓާލަން ނުވަތަ ޕްރެޝަރު ކުރަން ކަމަށް ބެލެވިދާނެއެވެ. ކަމުގެ ހަގީގަތް ނުބަލައި 'ކުޅުނު ގޭމު' ގެ ނަތީޖާ ދެއްކީ ރާއްޖެއަށާއި ދިވެހި ސަރުކާރަށް ހިތިކޮށެވެ. މުޅި ދުނިޔޭގައި ރާއްޖޭގެ ނަން ކިލަނބު ވުމުގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކަށް ބަރޯސާވެގެން އޮތް ރާއްޖެއަށް ލޮޅުން އަރަމުން ދަނީއެވެ. 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލް ކަމުގައި ވާ އިންޑިއާގައި ރާއްޖެ ބޯއިކޮޓް ކުރުމަށް ގޮވާލައި ވަރުގަދަ ރޫހެއް އުފެދި ބްކިންތައް ކެންސަލް ކުރަނީއެވެ.
ރާއްޖޭގެ އަދުގެ ސަރުކާރަކީ އިންޑިއާ އަށް ވުރެ ޗައިނާ އާ ގާތް ސަރުކާރެއް ކަމަށް ވުމާއެކު އެ ވާހަކަ ވިއްކަން ފަސޭހަވެސް ވަނީއެވެ.
އެކަމުގައި މަންފާ ލިބުނީ ނުވަތަ ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ? ގައިމުވެސް ދިވެހި ސަރުކާރަށް ރައްދުވީ މަލާމާތާއި ހުތުރު ނަމެކެވެ.
ރާއްޖެއާ އެއްގޮތަކަށް ލަކްޝަދީޕް ތަރައްގީ ކުރާ ވާހަކައަކީ ކޮން ވާހަކައެއް؟
ރާއްޖެއާ އެއްގޮތަކަށް ލަކްޝަދީޕް ތަރައްގީ ކުރާ ވާހަކަ އެތާނގެ ކަލެކްޓަރު އެސް އަސްކަރް އަލީ މެއި 28, 2021 ގައި ދެއްކުމުން, އޭރު އިންޑިއާގެ ބޮޑެތި ނޫސްތަކާއި އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކޮށް އޭނާ މަގާމުން ވަކިކުރަންވެސް ގޮވާލިއެވެ. އޭރު އޭނާ އާއި ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރަކަށް ހުރި, ކުރިން ގުޖުރާތުގެ ހޯމް މިނިސްޓަރުކަން ކުރި ޕްރަފޫލް ކޯޑާ ޕަޓޭލް އިސްވެ ހުރެ, ލަކްޝަދީޕް މުޅިން ބަދަލުކޮށްލުމަށް ގާނޫނީ އޮނިގަނޑުތަކާއި އިސްލާހުތައް ހުށަހެޅިއެވެ. އެއީ ބޮޑުވަޒީޒު މޯދީގެ ސިޔާސަތާ އެއްގޮތަށް އެތަން ތަރައްގީ ކުރުމުގެ ޕްލޭންތަކަށް މަގުފަހި ކުރުމަށެވެ. އެއީ މޯދީގެ ކެމްޕެއިން ސްޓްރެޓަޖީއަށް ފަހި ކުރުމަށް ކުރަން ނިންމި ކަމެކެވެ. ނަމަވެސް އޭރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެ ގާނޫނުތައް ގެނެސްގެން މޯދީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ސުލްހަވެރިކަމާއެކު އުޅެމުން ދާ ރައްޔިތެއް އޮތް ލަކްޝަދީޕް ހަލާކު ކޮށްލައި ފެކްޓަރީއަކަށް ހެދުން ކަމަށެވެ. އެތާނގެ ރީތި ގޮނޑުދޮށްތައް ނައްތާލަން ކަމަށެވެ.
"ލަކްޝަދީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ އެކްޓް" އުފަން ކުރަން ކުރި ކެމްޕެއިންގައި ކަލެކްޓަރު އަލީ ބުނެފައި ވަނީ "މިނިވަން ވި ތާ 73 އަހަރު ވީއިރުވެސް ލަކްޝަދީޕް ކުރިއަރައިގެން ނުދިޔަ" ކަމަށެވެ. އަދި "ރާއްޖެއަކީ ވެސް ހަމަ ލަކްޝަދީޕް ފަދަ ޖަޒީރާ ރަށްތަކެއް ކަމަށާއި, ރާއްޖެ އަކީ މިއަދު ފަތުރުވެރިކަމުގެ ހަބެއް" ކަމަށެވެ. އެހެންކަމުން އެ ގެންނަ ބަދަލަކީ ރާއްޖެ ފަދަ ފަތުރުވެރިކަމުގެ މަންޒިލަކަށް ލަކްޝަދީޕް ބަދަލު ކޮށްލުމަށް ގެންނަ ބަދަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ލަކްޝަދީޕަށް ރާއްޖެއާ ވާދަ ކުރެވިދާނެތަ؟
73 އަހަރު ވީ އިރުވެސް އޮތްތާނގައި އޮތް ލަކްޝަދީޕްގެ ވާހަކަ އަކީ މިއަދު ގޫގުލްގައި އެންމެ ގިނަ ބަޔަކު ސާޗް ކުރާ އެއް ވާހަކައަށް ވެ ނިމިއްޖެއެވެ. މޯދީގެ ވީޑިއޯ އާންމު ކުރުމާއެކު އުފެދިގެން ދިޔަ އަރާރުންގަނޑުގެ ތެރޭގައި ލަކްޝަދީޕަށް 'ފްރީ މާކެޓިން' ލިބި އެތަން މަޝްހޫރުވެއްޖެއެވެ. އިންޑިއާގައި އެތައް މިލިއަން ފޮލޯވަރުން ތިބި ސެލެބްރިޓީން ވެސް ލަކްޝަދީޕްގެ ވާހަކަ ހިފައިގެން ނިކުމެއްޖެއެވެ. އޭގެ ތެރޭގައި އަމީތާބު, ސަލްމާން, އަކްޝޭ, ސަޗިން, ޝްރަދާ, ޖޯން ފަދަ އެތައް މަޝްހޫރު ފަންނާނުން ހިމެނިއްޖެއެވެ.
ދެން އޮތީ މި އައި އޮއިވަރުގައި ލަކްޝަދީޕް ތަރައްގީ ކޮށްލުމެވެ. މޯދީ އަށް އެއީ ނުކުރެއްވޭ ވަރުގެ ކަމެއް ނޫނެވެ. ރާއްޖޭގައި ހުރި ކޮޓަރިތަކާއި ފެސިލިޓީތަކާއި އެހެނިހެން ރީތިކަން ނަކަލުކޮށް, ކޮޓަރިއަކަށް ކޮޓަރިއެއްވެސް ހެދިދާނެއެވެ. ކަނޑުއަޑީގެ މުއްސަނދި ކަމާއި ގޮނޑުދޮށްތަކުގެ ސާފުކަންވެސް ދެއްކިދާނެއެވެ.
އަދި އެއަށް ވުރެ ބޮޑަށް, ރާއްޖޭގެ މާކެޓަށް ވުރެ ހެޔޮ އަގުގައި ގިނަ ހިދުމަތްތަކާއެކު އެތަން ވިއްކިވެސް ދާނެއެވެ.
މިއީ ރާއްޖެއަށް ހައްސާސް ހާލަތެއްތަ؟
އެހުރިހާ ފަސޭހަތަކާއި ހިދުމަތްތަކާ އެކު ހެޔޮ އަގުގައި ލަކްޝަދީޕް މާކެޓަށް ނެރެފި ނަމަ, ފަތުރުވެރިކަމަށް ބަރޯސާވެގެން އޮތް ރާއްޖޭގެ އިންޑަސްޓްރީ ކޮލޭޕްސް ވެދާނެއެވެ.
މިއީ ހަ ފަހަރު ވިސްނަންޖެހޭ ހައްސާސް މައްސަލައެކެވެ. ހަރުދަނާ ފިޔަވަޅުތަކެއް ވަގުތުން އަޅާ, މަޝްރަހު ފިނިކޮށް ކުރިއަށް ދާނެ މަގު ކޮށަން ޖެހޭ ވަގުތެކެވެ. ތަނެއް ދޮރެއް ބަލައިނުލައި މީހަކު ދައްކާހާ އަވާމެންދުރަކަށް ނުހެއްލި ތިބެން ޖެހޭ ވަގުތެއް ވެސް މެއެވެ. އިސްތިރާޖީ މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސް އަންދާޒާ ކުރާ 2 މިލިއަން ފަތުރުވެރިންގެ އަދަދު މަތިކުރަން ޖެހޭ ވަގުތެކެވެ. އިންޑަސްޓްރީގައި ތިބި ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝަދާ އެކު ކުރިއަށް ދާނެ މަގުޗާޓުތައް އެކުލަވާލަން ޖެހޭ ވަގުތެކެވެ.
ސިޔާސީ ސްޓަންޓްތަކުގައި ނުޖެހި ވިޔަފާރިއަށް ނަޒަރު ކުރަންވީ ވަގުތެއް ވެސް މެއެވެ.