އިންޑިއާގެ ޔޫނިއަން ޓެރިޓަރީތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ލަކްޝަދީބުގައި އިސްލާހީ ބަދަލެއްގެ ގޮތުގައި ހިންދޫ ބާރުތިޔާ ޖަނާތާ ޕާޓީގެ ނުފޫޒުން ތަންފީޒު ކުރަން އުޅޭ ލަކްޝަދީބު ޑިވަލޮޕްމަންޓް އޮތޯރިޓީ ރެގިއުލޭޝަން (އެލްޑީއޭއާރް) ތަންފީޒު ކުރުން ހުއްޓުވުމަށް، ސައެންސްވެރިން ތަކެއް ތެދުވެއްޖެއެވެ.

މިދިޔަ ޑިސެންބަރު މަހު، ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ކަމަށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އަރިސް ޕްރާފުލް ޕަޓޭލް އައްޔަން ކުރި ފަހުން އެ ސަރަހައްދަށް އިސްލާހީ ބަދަލު ގެނައުމުގެ ނަމުގައި ތަންފީޒު ކުރަން އުޅޭ އެލްޑީއޭއާރްގެ ސަބަބުން ލަކްޝަދީބުގެ ވެއްޓާއި، އާންމު ދިރިއުޅުމާ، ސަގާފަތަށް، އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް، އެކި ދާއިރާތަކުން، ލަކްޝަދީބުގައި މަސައްކަތް ކޮށްފައިވާ ސައެންސްވެރިން ވަނީ ބުނެފައެވެ.

ލަކްޝަދީބު ރިސާޗް ކަލެކްޓްވިވް އިންވަނީ، ސައެންސް ކޮމިއުނިޓީގެ އިތުރު 60 މެންބަރެއްގެ ސޮއިއާއެކު، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީއަކީ، އެލްޑީއޭއާރް ހުއްޓުވުމަށް، ރައީސް ހުރަސް އަޅާ ދެއްވުމަށް އެދިފައިވާ ސިޓީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ލަކްޝަދީބު ރިސާޗް ކަލެކްޓްވިވްއިން ބުނީ، އެލްޑީއޭއާރްގެ ސަބަބުން ލަކްޝަދީބަށް ކުރާނެ އަސަރުތަކުގެ މުރާޖާއެއް ހަދާފައި ވާނެ ކަމަށެވެ. އެގޮތުން، މި ބަދަލަކީ މިހާރު ތަންފީޒު ކުރަމުންދާ ބިމުގެ ގާނޫނާ، ރީހެބިލިޓޭޝަން އެންޑް ރީސެޓްލްމަންޓް އެކްޓްގެ އިތުރުން، ބަޔޯޑައިވާސިޓީ އެކްޓް އަދި ތިމާވެށޑި ހިމާޔަތް ކުރުމުގެ ގާނޫނުގެ ރޫހާ ހިލާފު ބަދަލެއް ކަމަށް ލަކްޝަދީބު ރިސާޗް ކަލެކްޓްވިވުން ބުނެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީއިން އިދާރީ ގޮތުން ބަލަހައްޓަމުން އަންނަ ސަރަހައްދުތަކުގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބަކީ، މުސްލިމުންގެ މެޖޯރިޓީ އެންމެ ބޮޑު ސަރަހައްދުވެސް މެއެވެ. ކެރެލާ ސްޓޭޓުގެ ހުޅަނގު ދެކުނު އައްސޭރިފަށުން އެންމެ 300 ކިލޯމީޓަރު ބޭރުގައި އޮތް ލަކްޝަދީބުގެ އާބާދީގެ 97 ޕަސެންޓަކީ މުސްލިމުންނެވެ. އެބައެއްގެ ދެމި އޮތުން ހަޖަމް ކުރުމަށް ހިންދޫންނަށް އެންމެ ދަތި އާބާދީއެވެ.

ޕަޓޭލްގެ ބަދަލުތަކަކީ ހަމަ ރަނގަޅަށްވެސް، ހިންދޫންގެ ނުފޫޒު، ލަކްޝަދީބަށް ގަދަ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ބުނެވެއެވެ.

ގެރިމަހާއި ގެރިމަހާ ގުޅޭ ހުރިހާ ވިޔަފާރިއެއް މަނާ ކޮށް، އެފަދަ ކަމެއްގައި ބައިވެރިވާ މީހެއްގެ މައްޗަށް ޖަލު ހުކުމް އިއްވަން ރާވާފައި ވާއިރު، ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ބުނެ ވެއްޓަށް ގެއްލުން ދެނިވި ތަރައްގީއާއި، ބިންވެރިންގެ ހައްގު ނިގުޅައި ގަތުމުގެ ޖަރީމާ ހިންގަން ވަނީ ގައިޑްލައިން އެކުލަވާލާފައެވެ. އޭގެ އިތުރުން، މުސްލިމުންގެ މެޖޯރިޓީ އޮތް ބިމެއްގައި، ރާ ހަލާލު ކުރުމަށްވެސް ޕަޓޭލް ވަނީ އަމާޒު ހިފާފައެވެ.