މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފެޑެރަލް ކޮށް ވެރިކަން ކުރާ ލަކްޝަދީބްގެ ފަތުރުވެރިކަން ޕްރޮމޯޓްކުރައްވާފައެވެ. އެތަނުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ވަނީ ގޮނޑު ދޮށުގައި ގޮނޑިއެއްގައި އިށީނދެވަޑައިގެން މޫދަށް ބަލަހައްޓަވައިގެން އިންނަވާ މަންޒަރުތަކާއި، ގޮނޑުދޮށުގައި ހިންގަވާފައިވާ މަންޒަރުތައް ކުޅުއްވާފައެވެ.
މޯދީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ގޮނޑުދޮށްތަކަށް ޒިޔާރަތްކުރަން ލޯބިކުރާ ފަރާތްތަކުން އެންމެ ފުރަތަމަ ލަކްޝަދީބަށް އައިސް ބަލައިލުމަށް ދައުވަތުއަރުވާ ކަމަށެވެ.
އެ މެސެޖުގެ ސަބަބުން ދެކުނު ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ޑިޕްލޮމެޓިކް ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. ރާއްޖޭގެ ބައެއް ވަޒީރުން ސޯޝަލް މީޑިއާގައި ހަރުކަށި ބަހުން ރައްދު ދެއްވައި، އިންޑިއާގެ މެސެޖަކީ ރާއްޖޭގެ ރިސޯޓުތަކުން ޓޫރިސްޓުން ދުރުކުރަން ކުރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ރައްދުގައި ބޮލީވުޑްގެ ތަރިންނާއި ކުރީގެ ކްރިކެޓް ކުޅުންތެރިން ހިމެނޭ ގޮތަށް އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ވަނީ ލަކްޝަދީބުގެ ރަށްތައް ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށްފައެވެ.
އެ އިޝްތިހާރާ ގުޅިގެން އިންޑިއާ އާއި މޯދީއަށް ބަދުބަސް ބުނި ވަޒީރުން ރާއްޖެއިން ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭރު ޗައިނާގެ ބެއިޖިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު ރައީސް މުހައްމަދު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތް ދެއްކެވި ވާހަކަފުޅުގައި އަވަށްޓެރި އިންޑިއާ އަށް ވަނީ އިންޒާރެއް ދީފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަޒުންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް." އެވެ.
ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދުނު ފަތުރުވެރިކަމުގެ މައްސަލައިގައި ލަކްޝަދީބުގެ ރައްޔިތުން ޝައުގުވެރިއެއް ނުވެއެވެ. އޭގެ ބަދަލުގައި އެމީހުންގެ ސަރުކާރާއި ބޮޑުވަޒީރު މޯދީއަށް ކުރަން ބޭނުންވާ އަސާސީ ސުވާލުތަކެއް އެބަހުއްޓެވެ.
ލަކްޝަދީބުގައި 36 ރަށެއް ހިމެނޭއިރު އޭގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށެއްގައެވެ. މީގެ ކުރިން ހަތް އުޅަނދަކުން 64،000 މީހުންގެ އާބާދީއަށް ހިދުމަތް ދިން ނަމަވެސް މިހާރު އެ އުޅަނދުތަކުގައި ހުރީ ކޮންމެ ހަފުތާއަކު އެއް ފަހަރު ނުވަތަ 10 ދުވަހުގެ ފްރިކުއެންސީއަކާ އެކު ރަށްރަށާއި ކެރެލާ ދެމެދު އުފުލާ ދެ އުޅަނދެވެ.
"ބޮޑުވަޒީރު ބޭނުންފުޅުވަނީ އެންމެންނަށް ލަކްޝަދީބަށް ދައުވަތު ދެއްވަން. އެކަމަކު ލަކްޝަދީބުގެ ރައްޔިތުން މިތާ ކައިރި ކެރަލާއަށް ދާން ބޭނުން ވިޔަސް ޓިކެޓެއް ނުލިބެ." އެކްޓިވިސްޓެއް އަދި ފިލްމް ޑައިރެކްޓަރެއް ކަމަށްވާ އައިޝާ ސުލްތާނާ ބުންޏެވެ.
"ފުރަތަމަ އެކަން ރަނގަޅު ކޮށްލުމަށްފަހު ބޮޑެތި ޕްލޭންތަކުގެ ވާހަކަ ދައްކާ."
މިއީ އިންޑިއާ އާއި އެހެނިހެން ތަންތަނުން އަންނަ ޓޫރިސްޓުން އެ މީހުންގެ ރަށްރަށަށް އައުމުގެ ކުރިން އެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން ކުޑަ ކުޑަ ކަމެކެވެ.
ސްޓޭޓްތަކާއި ފެޑެރަލް ގޮތުން ވެރިކަން ކުރާ ގިނަ ސަރަހައްދުތަކާ ހިލާފަށް ލަކްޝަދީބުގައި ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ނެތެވެ. ޕާލަމެންޓަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އިންތިހާބުކުރާ އިރު، އެ ޕާޓީ ހިންގަނީ ފެޑެރަލް ސަރުކާރުން ކަނޑައަޅާ އެޑްމިނިސްޓްރޭޓަރެކެވެ.
ލަކްޝަދީބުގެ މިހާރުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޭ ޕަޓޭލްގެ ކަންބޮޑުވުންތަކާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކަށް އަޅާނުލާކަމުގެ ތުހުމަތުކޮށްފަ އެވެ. އޭނާގެ ޒައާމަތުގައި އެ ރަށުގެ ސަރުކާރުން ވަނީ ގޮނޑުދޮށްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތުގެ ދަށުން ވެރިރަށް ކަވަރައްޓީގައި ހުރި މަސްވެރިންގެ ޝެޑްތައް ތަޅާލާފައެވެ. މަސްވެރިންގެ ޔޫނިއަނުން މިކަމާ ކެރެލާގެ ހައިކޯޓުގައި ދެކޮޅު ހެދި އިރު، އެ މައްސަލަ އަދިވެސް ނުނިމެއެވެ.
"ފަތުރުވެރިކަން ތަރައްގީކުރުމާމެދު އަހަރެމެން ދެކޮޅެއް ނުހަދަން. އެކަމަކު ކަވަރައްޓީ ފަދަ މީހުން ދިރިއުޅޭ ތަންތަނުގައި ފަތުރުވެރިކަން ތަރައްގީކުރާނަމަ، އަހަރެމެންގެ ގޮނޑުދޮށްތައް އަހަރެމެންނަށް ބޭނުންކުރެވޭ ގޮތަށް ކަމާ ބެހޭ ފަރާތްތަކުން ހަދާދޭނެތަ؟ ލަކްޝަދީބް ފިޝަރީޒް އެސޯސިއޭޝަންގެ ރައީސް ނިޖާމުއްދީން ސުވާލު އުފެއްދިއެވެ. "ޓޫރިޒަމަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ވަކި ހިސާބަކަށް އޮންނަން ޖެހޭ ކަމެއް. އެހެން ނޫންނަމަ އެއީ މަސްވެރިންނަށް ނުރައްކަލަކަށް ވެދާނެ."
ލަކްޝަދީބުގެ ގިނަ ޒުވާނުން ކޮލެޖަށް ދަނީ ކެރެލާއަށެވެ. ނަމަވެސް ކެރެލާއާއި އަމިއްލަ ރަށާއި ދެމެދު ދަތުރުކުރުމަކީ އެމީހުންނަށް ގޮންޖެހުމެކެވެ.
"އަހަރެމެންގެ ދަރިވަރުންނަށް ވެސް ވަގުތަށް ރަށްރަށަށް ނުދެވޭ." ކެރެލާއިން ތައުލީމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރުމަށް ފަހު ޕީއެޗްޑީއަށް ވަނުމުގެ ވިސްނުން ގެންގުޅޭ އެންޑްރޯތު އައިލެންޑަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ސައީދު މުހައްމަދު އަނީސް ބުންޏެވެ. "ޓިކެޓާއި ހުރިހާ ކަމެއް ހޯދުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް. ރާއްޖެ ފަދައިން މިތަން އެމީހުން ތަރައްގީ ކުރާނީ ކިހިނެއް؟ އެއީ އެހާ ފަސޭހަ މަސައްކަތެއް ނޫން."
"އެމީހުންގެ އެޖެންޑާތައް ތަންފީޒު ކުރަން ފަސޭހަ"
ޓޫރިސްޓުންގެ ވާދަވެރިކަން ލަކްޝަދީބަށް އުނދަގޫވަނީ އެތަނުގެ އެއް ރަށް ކަމަށްވާ މިނިކޮއި އަކީ ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށަކަށް ވާތީއެވެ. މިނިކޮއިގައި ދިވެހީންގެ ކާބަފައިން އުފެދިގެން އައީ ލަކްޝަދީބުގެ އެހެން އެއްވެސް ރަށަކަށްވުރެ ގާތްކޮށް އޮންނަ ރާއްޖެ އިން ކަމަށްވާތީ، އެ މީހުންގެ ބަހަކީވެސް ދިވެހި ބަހެވެ.
ފަތުރުވެރިކަމުގެ ސަބަބުން ވަޒީފާއާއި ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ފައިސާ ގެނައުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް މިވަގުތު ލަކްޝަދީބު އޮތީ ވާދަކުރެވޭނެ ހާލަތެއްގައެއް ނޫނެވެ.
އާދަޔާ ހިލާފަށް ލަކްޝަދީބުގެ އިގްތިސާދު ބަރޯސާވެފައި ވަނީ ކޮޕްރާ އާއި ހިކި ޓޫނާ އެކްސްޕޯޓް ކުރުމުގެ މައްޗަށެވެ. މިނިވަންކަމަށްފަހު ޒަމާނީ ތައުލީމު ތައާރަފްކުރީ ކައިރީގައި ހުރި ކެރެލާގެ މުދައްރިސުންނެވެ. ލިޓްރަސީ ރޭޓް ވަރަށް ބޮޑަށް އިތުރުވެ، މިހާރު އޮތީ އެ ގައުމުގެ ދެ ވަނައިގައެވެ.
އެހެންނަމަވެސް، ވަރަށް ގިނަ ޒުވާން އަންހެނުންނާއި ފިރިހެނުންގެ އުންމީދަކީ ސަރުކާރުގެ ވަޒީފާއެއް ހޯދުމެވެ.
ލަކްޝަދީބުގައި މިހާރު ވެސް ގާތްގަނޑަކަށް 5،000 ދާއިމީ ސަރުކާރުގެ މުވައްޒަފުން އެބަތިއްބެވެ. ޖިއޮގްރަފީ އޮތް ނަމަވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވަސީލަތްތަކުގެ ތެރޭގައި ފަތުރުވެރިކަން ހިމެނިފައެއް ނުވެއެވެ.
ލަކްޝަދީބުގެ ފަތުރުވެރިކަން ބަލަހައްޓަނީ ލަކްޝަދީބުގެ ސަރުކާރުގެ ހިއްސާ އޮންނަ ސްޕޯޓްސް ނަމަކަށް ކިޔާ ސޮސައިޓީއަކުންނެވެ. އަގައްޓީ، ކަލްޕެނީ، ކަވަރައްޓީ، ކަޑްމަތު، މިނިކޮއި އަދި މީހުން ދިރިނޫޅޭ ރަށެއް ކަމަށްވާ ބަންގަރަމް ފަދަ ރަށްރަށުގައި މިހާރު ވެސް ޓޫރިޒަމްގެ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އަގައްޓީގައި އޮންނަ ހަމައެކަނި އެއާޕޯޓަކީ ދުވާލެއްގެ މައްޗަށް 68 ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފްލައިޓެއް ޖައްސައި ފުރައިގެން ދާ އެއާޕޯޓެކެވެ.
ޝިޕިންއަށް ބިނާކޮށް ފަތުރުވެރިކަން ލަކްޝަދީބުގައި ވަރަށް މަދެވެ. ސަމުދުރަމްގެ ނަމުގައި ސަރުކާރުން ހިންގާ އެއް ހަރަކާތަކީ އުޅަނދެއްގައި ކޮންމެ ހަފުތާއަކު 180 ޓޫރިސްޓުން ގޮވައިގެން ރަށްރަށަށް ޒިޔާރަތްކުރުމުގެ. ޝެޑިއުލްގައި ދުވާލުގެ ވަގުތުތަކުގައި ތިން ރަށަކަށް ޒިޔާރަތްކުރުމާއި ފަސިންޖަރުން އުޅަނދުގައި ރޭގަނޑު މަޑުކުރުން ހިމެނެއެވެ.
ލަކްޝަދީބުގެ ހުރިހާ ތަނެއްގައި ވެސް ހުރީ ގާތްގަނޑަކަށް 100 ވަރަކަށް ހޮޓެލް ކޮޓަރިއެވެ. އަނެއްކޮޅުން ރާއްޖޭގައި 1،000 އަށް ވުރެ ގިނަ ރިސޯޓް އަދި ހޮޓާ ހުންނައިރު، އޭގެ ތެރެއިން ގިނަ ތަންތަނަކީ ދުނިޔޭގެ އެންމެ އެކްސްކްލޫސިވް ޗުއްޓީ ހޭދަކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޗެއިން ކަމަށްވާ ތާޖް ފަދަ ލަގްޒަރީ ހޮޓެލް ގްރޫޕްތަކުން ރިސޯޓްތައް ހެދުމުގެ ޕްލޭންތައް އަދިވެސް އޮތީ ކަރުދާހުގައެވެ. ނާޒުކު މުރަކަ ފަރުތަކަށް ގެއްލުންވާނެ ކަމަށް ލަފާކޮށް 100 އަށް ވުރެ ގިނަ ސައިންސްވެރިން ޕެޓިޝަނެއްގައި ސޮއިކުރި ނަމަވެސް ވޯޓާ ވިލާތައް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ދަނީ ކުރަމުންނެވެ.
ލަކްޝަދީބުގައި އިމާރާތް ކުރަން ޖެހޭނީ އިންޓަގްރޭޓެޑް އައިލެންޑްސް މެނޭޖްމަންޓް ޕްލޭން (އައިއައިއެމްޕީ) އާ އެއްގޮތަށެވެ. މި ޕްލޭންގައި ދެމެހެއްޓެނިވި ތަރައްގީއަށް އަލިއަޅުވާލާ، ދިރިއުޅުމުގެ ކަންކަން ހިމެނޭ ގޮތަށް ލޯކަލް މަސްލަހަތުތަކަށް ބަލާފައިވެއެވެ.
ނަމަވެސް އެޑްމިނިސްޓްރޭޓަރާއި އޭނާގެ ޓީމަށް އައިއައިއެމްޕީ ބައިޕާސް ކުރަން މަސައްކަތް ކުރެވިދާނެ ކަމަށް އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޔޫތު ވިންގް ކަމަށްވާ ޔޫތު ކޮންގްރެސްގެ ލަކްޝަދީބުގެ ރައީސް އެމް އަލީ އަކްބަރު ތުހުމަތު ކުރެއްވިއެވެ. "މިއީ ޔޫނިއަން ޓެރިޓަރީއެއް. އަޅުގަނޑުމެންނަށް އިންތިހާބީ ސަރުކާރެއް ނެތް. އެހެންވީމާ އެބޭފުޅުންގެ އެޖެންޑާތައް ތަންފީޒު ކުރުމަކީ ވަރަށް ފަސޭހަ ކަމެއް." އޭނާ ވިދާޅުވިއެވެ.
ސާފުކުރާ މީހުން ވަޒީފާއިން ވަކިކޮށްގެން ގޮނޑުދޮށް ސާފުތާހިރުކޮށް ބާއްވާނީ ކިހިނެތް؟
ކޮވިޑް-19 އާ ގުޅިގެން ސްޕޯޓްސް އިން ވަނީ ކޮންޓްރެކްޓްގައި މަސައްކަތްކުރާ 800 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މިހާރު ސްޕޯޓްސްގައި ވަޒީފާ އަދާކުރަނީ 100 އަށް ވުރެ މަދު މީހުންނެވެ.
ޕަޓޭލް ވެރިކަމާ ހަވާލުވި ފަހުން ލަކްޝަދީބުގެ ސަރުކާރުން ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 3،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. ލަކްޝަދީބުގެ ވެރިކަމުގައި ކުރީގެ މުވައްޒަފެއް ކަމަށްވާ އަޖްމީރު ހާން ބުނީ އޭނާ އާއި ވަޒީފާއިން ވަކިކުރި އެކުވެރިން އަލުން ވަޒީފާއަށް ނެރޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. އަދި އެފަދަ ވިސްނުމެއް އެބޭފުޅުންގެ ކިބައިގައި އޮތްނަމަ، ވަޒީފާގެ ފުރުޞަތު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ސިޔާސަތެއް އެބޭފުޅުން ގެންގުޅުއްވީސް ކަމަށްވެސް ބުންޏެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލަކްޝަދީބުގެ ޓޫރިޒަމަށް ވެސް ވަނީ އަސަރުކޮށްފައެވެ.
ޕަޓޭލްގެ ލީޑާޝިޕްގައި ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން ކުނި ނެގުމާއި އިންސިނެރޭޓަރުތަކުގައި ކުނި ނައްތާލުމުގެ ޒިންމާ އަދާކުރި 450 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ކޮންމެ ރަށެއްގައި ވެސް ޕްލާސްޓިކް ކުނީގެ ފާހަގަކޮށްލެވޭ ފަރުބަދަތައް އެބަހުއްޓެވެ. އެންމެ ފުރަތަމަ ހުރިހާ ރަށެއްގައި ބަހައްޓާފައި ހުރި އިންސިނަރޭޓަރުތައް މިހާރު ނުހިންގޭއިރު، އޭގެ ތެރެއިން ގިނަ އިންސިނެރޭޓަރުތައް ޕްލާސްޓިކް ކުނިން ވަނީ ފޮރުވިފައެވެ.
"އެޑްމިނިސްޓްރޭޓަރު ރަށްތައް ސާފުކުރާ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން." ވަޒީފާއިން ވަކިކުރި މަސައްކަތްތެރިންނަށް ނުނިމި ހުރި އުޖޫރަ ދިނުމަށް ގާނޫނީ ގޮތުން ކުރި މަސައްކަތް ކޯޑިނޭޓް ކުރި ކިލްޓަން ރަށުގެ އަބްދުއްސަލާމް ވިދާޅުވިއެވެ. "ހަގީގަތުގައި އެ ރަށްތައް ސާފުކުރާ މީހުން ވަޒީފާއިން ވަކިކޮށްގެން އޭނާ އެ ރަށްތައް ސާފުކުރާނީ ކިހިނެތް؟
ކުޑަހިއްވަރެއްލާ ފާއިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ވޭ އެއިރުން އާއުސްމިނަކަށް ދެވޭނެ ބޭނުމީއްޔާ މިގައުމުން ކަލޭމެނަށް ތަމްރީނާތަރުބިއްޔަތުވެސް ހޯދިދާނެ