ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި އަޑުއުފުލަން ފަށައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ، އެ ގައުމުގެ ސަރަހައްދުގައި ހިމެނޭ ލަކްޝަދީޕްގެ ރަށްރަށަށް ވަޑައިގެންނެވިކަން ހާމަކުރައްވައި، 'އެކްސް' ގައި އިއްޔެ ޕޯސްޓެއް ކުރައްވައިފައެވެ.

މޯދީގެ ޕޯސްޓުގައި ވަނީ ލަކްޝަދީޕްގެ ރަށްތަކުގެ ރީތިކަމާއި އެ ރަށްތަކުގެ ރައްޔިތުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވައި، އެ ރަށްތަކުގެ ރީތިކަމުގެ ފޮޓޯތަކެއް ދޫކުރައްވައިފައެވެ. މިގޮތުން 'އެކްސް' އަށް ދޫކުރި ފޮޓޯތަކުގެ ތެރޭގައި މޯދީ ބީޗުގައި އިންނަވާ ފޮޓޯއަކާއި ސްނޯކަލިން އަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯތަކެއް ހިމެނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި:

  • ލަކްޝަދީޕަށް މޯދީ ކުރެއްވި ދަތުރުފުޅާ އެކު އިންޑިއާގެ ބައިލައްކަ އަށް ވުރެ ގިނަ މީހުން ލަކްޝާޑްވީޕް ގޫގުލްކޮށްފައިވޭ
  • މިއީ ރާއްޖެ އަށް މޯދީ ދެއްވި 'މެސެޖެއް'ގެ ގޮތުގައި ބައެއް ނޫސްތަކުން ސިފަކުރޭ

މިކަމާ ގުޅިގެން 'އެކްސް'ގައި ހިޔާލުފާޅުކުރި އިންޑިއާގެ ބައެއް މީހުން ބުނި ގޮތުގައި، އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން މަދުވެއްޖެ ނަމަ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ގޮސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުން ލިބޭނެއެވެ.

އެއްބަޔަކު ބުނީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ލަކްޝަދީޕް ޕްރޮމޯޓުކުރަން ނިންމި ނިންމުމަށް އިންޑިއާގެ ބައެއް މީހުން ތައުރީފުވެސްކޮށްފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލާ ހިންގި 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން އިންޑިއާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އިންޑިއާ އާ ދެކޮޅެވެ. 'އިންޑިއާ އައުޓް' ހަރަކާތުގެ މައްސަލައިގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަށް ހީނަރުކަން ވެސް އައިސްފައިވެއެވެ.

ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، އިންޑިއާ އަކީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އެކަނި ވެސް ދެ ލައްކަ ފަތުރުވެރިން އިންޑިއާ އިން ރާއްޖެ އަށް އައިސްފައިވެއެވެ.