ލަކްޝަދީޕް ޓްވީޓާ ގުޅިގެން ރާއްޖެއާއި އިންޑިއާ އާ ދެމެދު އުފެދިގެން އުޅޭ ނުތަނަވަސްކަމާ ގުޅުގައި އެގައުމުގެ އިދިކޮޅު ޕާޓީގެ ރައީސް މައްލިކަރުޖުން ކަރުގޭ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ފާޑުވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ 2014 ގައި އިންޑިއާގެ ބޮޑޫވަޒީރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ކޮންމެ ކަމެއް ނަންނަވަނީ މާ ޒާތީކޮށް ކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ނުވަތަ ދޭދޭ ގައުމުތަކުގެ ސިޔާސަތުތަކާ ގުޅޭ ކަންކަމުގައި ވެސް ގެންގުޅުއްވަނީ އެ ސިފަ ކަމަށެވެ.
އެއާއެކު އޭނާ ވިދާޅުވެފައި ވަނީ އަވަށްޓެރިންނާއެކު ރަނގަޅު ގުޅުމެއް ބާއްވާ ގުޅުންތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ކިތަންމެ މަސައްކަތެއް ކުރިޔަސް އަވަށްޓެރިން ބަދަލުނުކުރެވޭނެ ކަމަށެވެ.
ރާހޫލް ގާނދީ ލީޑަރަކަށް ހުންނަވާ ކޮންގްރެސް ޕާޓީން މިހެން ބުނެފައި ވީ ނަމަވެސް ނެޝަނަލިސްޓް ކޮންގްރެސް ޕާޓީގެ ލީޑަރު ޝަރަދު ޕަވާރު ވަނީ މޯދީ އަށް ތާއީދު ކުރައްވައި, މޯދީ އަށް ކުޑަމީސް ކޮށް ވާހަކަ ދެއްކުމަކީ [ރާއްޖޭގެ ބައެއް އެކްޓިވިސްޓުން ކުރި ޕޯސްޓުތައް] ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މޯދީ ކުރެއްވި ޕޯސްޓަށް [ފާޅުކުރެއްވި ހިޔާލަށް] ތާއީދު ކުރަންވެސް ޖެހޭނެކަމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
"އެއީ އިންޑިއާގެ ބޮޑުވަޒީރު, އެހެންކަމުން ބޭރު ގައުމެއްގެ މީހަކު ނުވަތަ ބަޔަކު މޯދީއަށް ފާޑު ކިޔާ އެގޮތަށް ޕޯސްޓް ކުރުން ބަލައެއް ނުގަނެވޭނެ" ޝަރަދު ޕަވާރު ވިދާޅުވިއެވެ.
މޯދީ އަށް ކުޑަމީސް ކޮށް ޕޯސްޓް ކުރި މައްސަލަ ހޫނުވެ އެ ޕޯސްޓްތައް ކުރި ދިވެހި ސަރުކާރުގެ 3 އޮފިޝަލަކު ސަސްޕެންޑް ކޮށްފައި ވީ ނަމަވެސް އިންޑިއާގައި އަދި އެމައްސަލަ ފިންޏެއް ނުވެއެވެ. ސިޔާސީ އެކިއެކި ލީޑަރުންނާއި މެއިންސްޓްރީމް މީޑިއާތަކުގައި އަދުވެސް ދަނީ އެވާހަކަ ދައްކާ ރާއްޖެ ބަދުނާމުކޮށް ވާހަކަ ދައްކަމުންނެވެ.
މި މައްސަލަ ހޫނުވެފައި ވާއިރު, އިންޑިއާގެ މެއިންސްޓްރީމް ބައެއް މީޑިއާތަކުގެ ބައެސް ސްޓާފުން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ބައެއް މީހުންނާ ބައްދަލުކޮށް އިންޓަވިއު ނަގަމުންވެސް އެބަދެއެވެ. އަދި އާންމުން އެއްވާ ބައެއް ތަންތަނަށް ގޮސް އާންމުންގެ ހިޔާލު ހޯދާ, ވީޑިއޯ ކްލިޕްތައްވެސް ހަދާފައި ވެއެވެ.
73 އަހަރު ވީ ލަކްޝަދީޕަކީވެސް ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއް އޮންނަ ސަރަހައްދެއް ނަމަވެސް އިންޑިއާ ސަރުކާރުން އެތަނާ އަޅާލައި ތަރައްގީ ކުރަން ފެށީ 2021 ގެ ތެރޭގައެވެ. އެތާނގައި ފަތުރުވެރިކަން ފުޅާކުރުމަށް އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް އިއުލާން ކޮށްފައި ވާ އިރު, މިހާރު އުފެދިގެން އުޅޭ މައްސަލައާއެކު އިންޑިއާ ސަރުކާރުން މިހާރު ނިންމަމުން ދަނީ ލަކްޝަދީޕްގެ މިނިކޯއީގައި އެއާޕޯޓެއް އަޅާ, އަސްކަރީ އަދި މަދަނީ ބޯޓުފަހަރަށް ޖެއްސޭނެ އިންތިޒާމުތައް ކުރަން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މީގެ ކުރިންވެސް މިނިކޯއީގައި އެއާޕޯޓެއް އެޅުމުގެ ހިޔާލު ގެންގުޅުނު ނަމަވެސް ފަހުން އެ ހިލާޔު އޮތީ ދޫކޮށްލާފައެވެ. ނަމަވެސް މި މައްސަލަގަނޑު ފެންމަތިވުމާއެކު މިހާރު ސައިޒް ބޮޑު އެއާޕޯޓެއް އަޅަން ދަނީ ނިންމަމުންނެވެ. އެއާއެކު އެ އެއާޕޯޓު ނުވަތަ ގާއިމު ކުރާ އެއާފީލްޑްގައި އިންޑިއާ އެއާފޯސް ގާއިމު ވެ ތިބޭގޮތަށް ވެސް ވިސްނުން ބަދަލުކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.