މާލޭގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައުވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމާއި، އަތޮޅު ތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެއްޗަށް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި އިތުރު ފުލުހުން މަގުތަކަށް ނެރެން ވެސް ނިންމައިފައެވެ.

މި ބައްދަލުވުމުގައި ނިންމި ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިއަދު މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ޑިއުޓީ ކުރަން ވަނީ ފަށާފައެވެ. ފުލުހުން ބުނީ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން، މާލެ އާއި ހުޅުމާލޭގެ ބޮޑެތި ސްކޫލުތައް ކައިރި ސްޓެޓިކްކޮށް ބެލެހެއްޓުމާއި ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

"އަމީނިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލު އަދި މަޖީދިއްޔާ ސްކޫލު ގެ އިތުރުން ހުރަވީ ސްކޫލާއި ރެހެންދި ސްކޫލު ކައިރީގައި، އެ ސްކޫލުތަކުގެ ސެޝަންތައް ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑި ތަކުގައި މިއަދުން ފެށިގެން ސްޓެޓިކޮށް ބަލަހައްޓަމުން ގެންދާނީ ފުލުހުންގެ ސީނިއާ އޮފިސަރުން" ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނީ މަގުތަކަށް ޑިޕްލޯއިކޮށްގެން މީހުން އާއްމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގެ އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މަސައްކަތްކުރަމުން ދާނެކަމަށެވެ.

މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށް، މާލެއަށް ލަފާ ފުރާ އޮޑިދޯނި ފަހަރު ފާސްކޮށް 24 ގަޑިއިރު ޕެޓްރޯލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.