2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ގެނެސްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެޑިއުކޭޝަން މިނިސްޓްރީއިން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ 2026 ވަނަ އަހަރު ދިރާސީ އަހަރު ފެށިގެންދާނީ މީގެކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް ޖެނުއަރީ މަހުގައި ކަމަށެވެ.

މި ބަދަލާއެކު 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ ކަމަށާއި ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އާ އަހަރު ފެށޭ ދުވަހަށް ބަދަލު ގެނައުމަށް ރޭވިފައި ވަނީ ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހުތަކަކާއެކު ކަމަށެވެ. އެގޮތުން މި ބަދަލު ގެނެވޭނީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިކަމަށް ހައްލު ލިބޭ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް މި ކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން ކުރެވިފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ މަހު ދިރާސީ އާ އަހަރު ފަށާ ގޮތަށް ކިޔެވުމަށް ބަދަލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.